ފުލުހުން ގދ. ތިނަދޫން ފަސް މީހަކު ހައްޔަރު ކޮށްފި އެވެ. އެރަށުން ފަސް މީހަކު ހައްޔަރު ކުރީ ތިނަދޫގައި ވައްކަން ކުރުން އިތުރުވެ، އާންމުންނަށް ބޮޑެތި ގެއްލުންތައް ދެމުންދާތީ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވައްކަމުގެ ތުހުމަތަށެވެ. މި ފަސް މީހުން ހައްޔަރު ކޮށްފައި ވަނީ އޮޕަރޭޝަންގައި އެކި ފަހަރުމަތިންނެވެ. އެއީ ކޮން ބައެއް ކަމެއް ފުލުހުން ހާމައެއްނުކުރެ އެވެ.

ފަސް މީހުން ހައްޔަރު ކުރުމަށް ފަހު ތިނަދޫ އޮޕަރޭޝަން މިހާރު ވެސް ކުރިޔަށް އެބަ ގެންދެ އެވެ. އެ އޮޕޮރޭޝަންގައި އައްޑު އަތޮޅުގައި ތިބޭ ބައެއް ފުލުހުން ވެސް ބައިވެރިވެ އެވެ.

ގާތްގަނޑަކަށް 6000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ތިނަދޫ އޮޕަރޭޝަނާ ބެހޭ ގޮތުން ފުލުހުން ގެ އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި ވައްކަންތައް އިތުރުވެފައި ވާތީ ރަށުތެރެ ބެލެހެއްޓުމުގެ ގޮތުން ފަސް މީހަކު ވައްކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ފަސް މީހުން ހައްޔަރު ކުރި ފަހުން ރަށުތެރޭގައި ހިންގާ ވައްކަންތައް މަދުވެފައިވާ ކަމަށް ވެސް ފުލުސް އޮފިޝަލު ވިދާޅުވި އެވެ.

ރޯދަ މަސް ފެށުނު ފަހުން ތިނަދޫގައި ވަނީ ތިން ފިހާރައަކާ ހަދަމުންދިޔަ ހޮޓަލެއް ފަޅާލައި ފައިސާ އާއި އެ ތަންތަނުގައި ހުރި ބައެއް ސާމާނުތައް ވަގަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ވެސް އެރަށުގެ ގޭގެއިން ވައްކަންތައް ވަނީ ކޮށްފައެވެ.

ބައްތިރީސް އަހަރު ފަހުން ރަށުގެ ނަމާމެދު ހިޔާލު ތަފާތުވެ ނަން ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ތިނަދޫ، އަދި ކުރީގެ ހަވަރު ތިނަދޫގައި ފަހަކަށް އައިސް ވައްކަން ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.