އިއްޔެ މާލޭގައި ބޭއްވި މުޒާހަރާ ކަވަރު ކުރުމަށް އުޅުނު ބައެއް ނޫސްވެރިންގެ އަމަލުތައް ހުރީ އެއްވުމުގެ ބައިވެރިންނާ އެއް ހަމައެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައެއް ނޫސްވެރިންގެ ފަރާތުން އެއްވުމުގެ ބައިވެރިންނާ އެއް ހަމައެއްގައި އަމަލުތައް ފެނިފައިވާ ކަމަށާއި ބައެއް މީޑިއާ ތަކުން ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެއްވެސް ފަރާތަކުން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށާއި އެ ފަދަ ހަރަކާތްތަށް ކަވަރު ކުރާ ނޫސްވެރިން، ނޫސްވެރިންގެ އަހްލާގީ މިންގަނޑުތައް ހިފަހައްޓައި ޕްރޮފެޝަނަލް ކޮށް މަސައްކަތް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވި، އެކަން ތަންފީޒު ކުރެވެމުންދާ މިދަނޑިވަޅުގައި އަދި ޤާނޫނު އަސާސީގެ 31 ވަނަ މާއްދާ، ހަޅުތާލުކުރުމުގެ ޙައްޤު އަދި ޤާނޫނު އަސާސީގެ 32 ވަނަ މާއްދާ، އެއްވެއުޅުމުގެ މިނިވަންކަން ސަސްޕެންޑް ކުރެވިފައިވާ ދުވަސްވަރެއްގައި ބާއްވަން ނިންމާފައިވާ އެއްވުން ކުރިއަށް ގެންދަން ފުރުސަތު ނުދޭނަކަމަށް ކުރިން އަންގާފައިވާ ކަމަށެވެ.

"ނަަވެސް މި އެންގުމާ ޚިލާފަށް، ސިޔާސީ ބައެއް ފަރާތްތައް އިސްވެ ތިބެ، މާލޭގެ އެކި ސަރަހައްދުތަކަށް މީހުން އެއްވެ، ހަމަނުޖެހުން ހިންގައި، ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ގައުމު ހަލަބޮލިކޮށްލުމުގެ ގޮތުން ހަރަކާތްތަކެއް ހިންގާފައިވާކަން ފާހަގަކުރަން،" ފުލުހުން ބުނެފައި ވެއެވެ.

"އެއްވުން ކަވަރުކުރުމަށް ހަރަކާތްތެރިވަމުން ދިޔަ ބައެއް ނޫސްވެރިންގެ ފަރާތުން އެއްވުމުގެ ބައިވެރީންނާ އެއް ހަމައެއްގައި އަމަލުތައް ފެނިގެން ގޮސްފައިވާ ކަންވެސް ފާހަގަކުރަން."

އިއްޔެއާއި ރޭ މާލޭގައި ކުރިއަށް ގެންދިޔަ އިހްތިޖާޖުތައް ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ވަނީ، ފުލުހުން އެ ނޫސްވެރިން ހައްޔަރުކުރަން އުޅުމުގެ ތެރޭގައާއި، ސަރަހައްދުން ދުރަށް ޖައްސަން އުޅުމުގެ ތެރޭގައި އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެގޮތުން ބައެއް ނޫސްވެރިންނަށް ވަނީ، ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިފައެވެ.