ރާއްޖޭގެ ސިޔާސީ މަސްރަހަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް، ސިޔާސީ ލީޑަރުންނާ މަޝްވަރާކުރުމަށް އދ.އިން ނިންމައިފިއެވެ.

ދިވެހި ސަރުކާރުން އިދިކޮޅު ސިޔާސީ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ގޮވާލުމުން، އެ ފަރާތްތަކުން ވަނީ މަޝްވަރާތަކުގައި އދ.އިން މެދުވެރިއެއްގެ ރޯލުއަދާކޮށް ދިނުމަށް އެދި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއަށް ސިޓީއެއް ފޮނުވައިފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ރައީސް ޔާމީންގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު މަޝްވަރާތައް ބާއްވާއިރު އެޖަމިއްޔާއިން މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ކުރިން ވެސް ހުށަހަޅައިފައެވެ.

ރާއްޖޭގެ އެތެރޭގެ މައްސަލަތައް ހައްލުކުރާނީ، ދިވެހީން އަމިއްލައަށް މަޝްވަރާކޮށްގެން ކަމަށް ސަރުކާރު ހިންގާ ކޯލިޝަނުން ބުނެފައިވީ ނަމަވެސް، އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ، ސަރުކާރާ އެކު މަޝްވަރާގެ މޭޒުގައި އިށީންނާނީ ހައްޔަރުކޮށްފައި ތިބި ސިޔާސީ މީހުން ދޫކޮށްލުމަށް، އދ. މީޑިއޭޓަރެއްގެ ރޯލު އަދާކުރާ ގޮތަށް ކަމަށް ބުނެފައެވެ.

އިދިކޮޅު ފަރާތްތަކުން ފޮނުވި ސިޓީއާ ގުޅޭގޮތުން، ގުޓެރޭސްގެ ތަރުޖަމާނު، ސްޓެފަނީ ޑުރެޖިކް އިއްޔެ ވިދާޅުވީ، އެ ސިޓީގައި އެދިފައިވާ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އަދި ވަރަށް އަވަހަށް ރާއްޖޭގެ ސިޔާސީ ލީޑަރުންނާ މަޝްވަރާތައް ފައްޓަވާނޭ ކަމަށެވެ. އަދި ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ރާއްޖޭގެ ސިޔާސީ މަސްރަހް ހައްލުކުރުމަކީ ސެކްރެޓަރީ ޖެނެރަލް ބޭނުންފުޅުވާ ގޮތްކަމަށް ވެސް ޑުރެޖިކް ވިދާޅުވިއެވެ.

އެމްޑީޕީ އިސްވެ އޮވެ އުފައްދާފައިވާ އިދިކޮޅު އިއްތިހާދުން އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ފޮނުވި ސިޓީގައި، ސިޔާސީ މަސްރަހް ހައްލުކުރުމަށް، ހުރިހާ ޕާޓީތަކެއްގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް ސަރުކާރުން ގޮވާލި ގޮވާލުމަށް ވަނީ، މަރުހަބާ ކިޔައިފައެވެ. ނަމަވެސް، މި މަޝްވަރާތަކަށް ސަރުކާރުން ގޮވާލުމުގައި އެއްވެސް އިހްލާސްތެރިކަމެއް އޮތްކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، މިއީ ބައިނަލްއަގްވާމީ ޕްރެޝަރު ކުޑަކުރުމަށް ސަރުކާރުން ގޮވާލި ގޮވާލުމެއް ކަމަށް އެ ސިޓީގައިވެއެވެ.

އިދިކޮޅު ފަރާތްތަކުން އދ.އަށް ގޮވާލާފައި ވަނީ، ޕާޓީތަކުގެ މެދުގައި ބޭއްވޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް، އެކަށޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ބާރުއެޅުމަށެވެ.

ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން އުފެދުނީ، މި ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު، ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ރައީސް އޮފީހުން މަޝްވަރާއަށް އެދި ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީގެ ޖަވާބު އދ.އަށް ފޮނުވާފައި ވާނޭ ކަމަށާއި، މިހާރު އިދިކޮޅުން ރައީސް ޔާމީނާއެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށް އޭނާ ވިދާޅުވިވެ.

މަޝްވަރާއަށް ދާ ނަމަވެސް މިހާރު ސްޓޭޓް އޮފް އިމަޖެންސީއާ ގުޅިގެން ހައްޔަރު ކުރި ހުރިހާ ހައްޔަރީން ދޫކޮށް ނުލަނީސް ނުދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިދިކޮޅުން ހުށަހަޅާފައިވާ ޝަރުތުތައް

  • މަޝްވަރާތަކުގައި އދ މީޑިއޭޓަރެއްގެ ބައި އަދާކުރުން.
  • މަޝްވަރާ ފެށުމުގެ ކުރިން ގާނޫނުއަސާސީގެ ތެރެއަށް ސަރުކާރު ވަންނަން ޖެހޭ.
  • ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ކުރި ހުކުމް ވަގުތުން ތަންފީޒު ކުރުން.
  • ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ދޫކޮށްލައި އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓު ހިންގަން ފެށުން.
  • ސްޓޭޓް އޮފް އިމަޖެންސީގައި ހައްޔަރު ކުރި މީހުން ވަގުތުން ދޫކޮށްލުން.