21 Aug 2011, 14:44
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރައްޔިތުންގެ އަތުން ޓެކްސް ނަގަނީ ރައްޔިތުންގެ ފައިދާ އަށާއި ލާބައަށް ވުރެން ގާތް ތިމާގެ މީހުންނާއި، ރަޙްމަތްތެރިންނާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ އެކްޓިވިސްޓުންނަށް މުސާރައާއި އިނާޔަތް ދިނުމަށް ކަމަށް ބުނެ، ގައުމީ ޕާޓީން ސަރުކާރުގެ އިގުތިސާދީ އެޖެންޑާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ގައުމީ ޕާޓީގެ ވެބްސައިޓުގައި މިއަދު ބުނަނީ، ރައީސް ނަޝީދު މަސައްކަތްކުރައްވާފައި ވަނީ ގާތްބޭފުޅުންގެ "ޖީބު ބުރަކުރުމަށް" ކަން ވޭތުވެދިޔަ ތިން އަހަރުގެ ތަޖުރިބާއިން ސާފުވާ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ ސަރުކާރުން ރައްޔިތުންގެ އަތުން ކިތަންމެ ބޮޑު ޓެކްހެއް ނެގިއަސް ރައްޔިތުނަށް ކުރާނޭ ފައިދާއެއް ނޯންނާނެ ކަމަށް އެޕާޓީން ބުނެ އެވެ.
"ރައްޔިތުންގެ ]އަތުން[ ނަގާ ފައިސާ އިން ކުރާކަންކަން އެހެރީ ފެންނާށެވެ. ދިރާގުގެ ހިއްސާ ބިދޭސިންނަށް ވިއްކާލާފައި ނަޝީދުގެ ބަފާބޭގެ ކުންފުންޏަށް 200 މިލިޔަން ރުފިޔާގެ ކޮންޓްރެކްޓެއް ދިނެވެ. ރައްޔިތުންގެ ފައިސާ އިން ރީކޯ މޫސާ މަނިކުގެ ހެވީލޯޑު ކުންފުންޏަށް 21 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް ދިނެވެ. ނަޝީދުގެ ކެމްޕެއިންނަށް ފަންޑުކޮށްދިން އެމްވީކޭ ޝަފީގަށް ބޮޑެތި ބިންތަކާއި ކޮންޓްރެކްޓުތައް ދިނެވެ. އައިލެންޑް އޭވިއޭޝަން ބަނގުރޫޓުކޮށް އިނދެޖައްސައި މާރިޔާ އަހުމަދު ދީދީގެ ކޮއްކޮއަށް މެގައެއަލައިންސްގެ ފުރުސަތު ތަނަވަސްކޮށްދިނެވެ،" ގައުމީ ޕާޓީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
ވޭތުވެދިޔަ ތިން ވަރަކަށް އަހަރުގެ ތެރޭގައި ދައުލަތުގެ އެންމެ މަންފާކުރަނިވި ކުންފުނިތައް ކަމުގައިވާ ދިރާގާއި އެމްޑަބްލިޔުއެސްސީ އާއި އެއާރޕޯޓް ކުންފުނި ފަދަ ތަންތަން ބިދޭސިންނަށް ވިއްކާއިގެންނާއި ބޭރުގެ ގައުމުތަކުންނާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން 400 މިލިޔަން ޑޮލަރަށް ވުރެން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ގައުމީ ޕާޓީން ބުނެފައިވެ އެވެ.
އަދި އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފައިސާއާއި ފަތުރުވެރިކަމުގެ ދާއިރާ އިން ނަގަން ފެށި ޓީޖީއެސްޓީ އިންވެސް ވަނީ އެ ދާއިރާ އިން ކުރިން ލިބެމުން އައި އާމްދަނީ ދެގުނައަށް ވުރެން ބޮޑުވެފައިވާކަން ގައުމީ ޕާޓީން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، އެހުރިހާ ފައިސާއެއް ލިބުނު އިރު އެއިން ކުރިކަމެއް ނުވަތަ ރައްޔިތުންނަށް ލިބުނު ލުޔެއް ލިބިދިން ހިދުމަތެއް ފެންނާކަށެއް ނެތް ކަމަށް އެޕާޓީން ބުނެ އެވެ.
"ނަޝީދު ވެރިކަމާއި ހަވާލުވި އިރު 890 މިލިއަންގައި ހުރި ދަރަނި 940 މިލިއަނަށް މިހާރު ވަނީ އަރާފަ އެވެ. ކަރަންޓާއި ފެނާއި ހުރިހާ ކާބޯތަކެއްގެ ހެން އަގުވަނީ ސާޅީހަކަށް ޕަސެންޓު މައްޗަށް ގޮސްފަ އެވެ. ނުހަނު ޣައިރު ޒިންމާދާރު ގޮތުގައި ޑޮލަރުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ހުރިހާއެންމެނަށް ލިބެމުން އައި އާމްދާނީގެ 20 ޕަސަންޓް ވަނީ ކުޑަވެފަ އެވެ. ދައުލަތުގެ ބަޖެޓުގައި މަސްވެރިންނަށް ކަނޑައެޅި ސަބްސިޑީ ނުދީ މާލީ އަހަރު ނިމިދަނީ އެވެ. ސިވިލް ސަރވެންޓުންގެ މުސާރައިން އުނިކުރި ފައިސާ ޝަރުއީ ދެ ކޯޓުގެ ނިޔާއަށް ފަހުވެސް ވަނީ ނުދީއެވެ،" ގައުމީ ޕާޓީން ބުނެފައިވެ އެވެ.