ސިސިނައްޓީ މާސްޓާސް ޓެނިސް މުބާރާތުގެ ފައިނަލަށް ދުނިޔޭގެ އެއްވަނަ ސީޑް ސާބިއާގެ ނޯވަކް ޖޯކޮވިޗް އާއި ހަތަރު ވަނައަށް ސީޑްކޮށްފައިވާ އިނގިރޭސިވިލާތުގެ އޭންޑީ މުރޭ ދަތުރުކޮށްފި އެވެ. މި ދެކުޅުންތެރިންގެ ތެރެއިން ޖޯކޮވިޗް ފަސޭހަކަމާއެކު ފައިނަލަށް ދަތުރުކުރިއިރު މުރޭއަށް ސެމީފައިނަލުގައި ޖެހުނީ ވަރުގަދަ މެޗެކެވެ.

ސެމީފައިނަލުގައި މާޑީ ފިޝްއާއި ވާދަކޮށް އޭންޑީ މުރާ ދެ ސެޓް 6-3 އަދި 7-6 ން ކާމިޔާބުކުރިއިރު އެއްވަނަ ކުޅުންތެރިޔާ ޖޯކޮވިޗް ސެމީފައިނަލުގައި ތޯމަސް ބާޑީޝް އާއި ވާދަކުރި މެޗު ނިމުނީ އެއް ސެޓު ކުޅެގެންނެވެ. ޖޯކޮވިޗްއާއި ބައްދަލުކުރި ސެމީފައިނަލު މެޗްގެ އެއްސެޓުން ނަތީޖާ ނެރެން ޖެހުނީ ތޯމަސް ބާޑީޝްގެ ކަނާތު ކޮނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ މެޗް ދޫކޮށްލުމުންނެވެ.

މާސްޓާސް މުބާރާތުގައި ރެކޯޑެއް މިހާރުވެސް ގާއިމްކޮށްފައިވާ ޖޯކޮވިޗް ހިފެހެއްޓުމަށް މުރޭ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާއަށް މުރޭ ވާދަކުރަން ބޭނުންނަމަ ފައިނަލުގައި ޖޯކޮވިޗްއާއި ބައްދަލުކުރާ މެޗް ކާމިޔާބުކުރަން މަޖުބޫރުވާނެއެވެ. އެއްވަނައަށް ދިއުމަށް މުރޭއަށް ރޮޖާ ފެޑެރާ އަދި ރަފެއަލް ނަޑާލްގެ ކާމިޔާބީތަކަށްވެސް މުރޭ ހުރަސް އަޅަން ޖެހޭނެއެވެ.

ސެމީފައިނަލުގެ މެޗް މުރޭ ފާހަގަކޮށްފައިވަނީ ހަ ހަފްތާތެރޭ ކުޅުނު އެންމެ ވަރުގަދަ މެޗްގެ ގޮތުގައެވެ.

"ދެވަނަ ސެޓުގައި އަހަރެންނަށް އުނދަގޫތަކަކާއި ކުރިމަތިވި. ހޫނު ގަދަކަމުން ވަރުބަލިކަން އެ ސެޓުގައި ވަރަށް ބޮޑަށް އިޚްސާސުވެގެންދިޔަ. މިއީ ހަ ހަފްތާތެރޭ އަހަރެންނަށް ކުޅެން ޖެހުނު އެންމެ ވަރުގަދަ މެޗް." މުރޭ ބުންޏެވެ.

އަންނަ އާދީއްތަ ދުވަހުގެ ފައިނަލަށް މުރޭ އަހަރުގެ ދެވަނަ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި ނުކުންނައިރު ޖޯކޮވިޗް ނުކުންނާނީ 10 ވަނަ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައެވެ.