ރާއްޖޭގެ ސަރުކާރުން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ސަރުކާރުން އަމަލު ކުރާ ގޮތެއް ބަލަން ތިބި ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 15 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 20 ވަނަ ދުވަހަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު މިއަދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެން އަދި ދުވަސްކޮޅެއް އިން ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ސަރުކާރުން އަމަލު ކުރާނެ ގޮތެއް ބަލަން މަޑުއްކޮށްލައިގެން މިތިބީ،" ރަވީޝް ކުމާރު ވިދާޅުވި އެވެ.

މީގެ ކުރިން އިންޑިއާ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލައި ޑިމޮކްރަސީއާ އެއްގޮތަށް އަމަލު ކުރަން ސަރުކާރަށް ގޮވާލާފަ އެވެ. އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ޖުޑިޝަރީއެއް ހިންގުމުގެ މަގު ފަހިކޮށްދިނުމަށްވެސް ގޮވާލާފަ އެވެ.

ރަވީޝް ކުމާރުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ހުރިހާ ގައުމަކަށް އިންވެސްޓްމެންޓްގެ ހަމަ ހަމަ ފުރުސަތުތަކެއް ރާއްޖޭން ލިބެންޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނުކޮށްފައިވަނީ ސިޔާސީ ކުއްވެރިން ދޫކޮށްލަން ސުޕްރީމް ކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ. އަދި ކުއްލި ހާލަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ އިތުރުން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އޭގެތެރޭގައި މަޖިލީހުގެ ތިން މެމްބަރުންވެސް ހިމެނެ އެވެ.