ލަނޑު ގޯންޏަކާއިއެކު ބެޔާން މިއުނިކްގެ އާލިއާންޒް އަރިނާގައި ކުޅުނު މެޗް ކާމިޔާބުކުރުމަށްފަހު ޖަރުމަން ބުންޑަސްލީގާގެ ދެވަނައަށް ޖެހިލައިފި އެވެ. ހެމްބާގާއި ދެކޮޅަށް ކުޅުނު މެޗް ބެޔާން މިއުނިކް ކާމިޔާބުކުރީ 5-0 ލަނޑުންނެވެ.

މެޗްގެ 13 ވަނަ މިނެޓްގައި ބެޔާން މިއުނިކްގެ ޑިފެންޑަރު ޑެނިއެލް ވެން ބުއިޓެން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންތާ ހަތަރު މިނެޓްފަހުން ފްރާންސް ތަރި ފްރޭން ރިބެރީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބެޔާން ލީޑް ފުޅާކޮށްދިނެވެ. މޮޅު ކުޅުމެއް ކުޅެމެއް ދެއްކި ބެޔާން މިއުނިކަށް މެޗްގެ 34 ވަނަ މިނެޓްގައި އާޔެން ރޮބެން ޖަހައިދިން ލަނޑާއިއެކު ފުރަތަމަ ހާފު ނިންމައިލީ 3-0 ން ގެ ނަތީޖާއިންނެވެ.

ހެމްބާގްގެ ރޭވުންތައް ރޫޅާލުމަށް ދެވަނަ ހާފްގައިވެސް ބެޔާން މިއުނިކުން މަސައްކަތްކޮށް ކާމިޔާބުކޮށްފައިވެ އެވެ. އެގޮތުން މެޗްގެ 56 ވަނަ މިނެޓްގައި ބެޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކުރިއިރު ބަދަލުކުޅުންތެރިޔާ އިވިކާ އޮލިޗްވަނީ 80 ވަނަ މިނެޓްގައި ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ބުންޑަސްލީގާ ޗެމްޕިއަން ބޮރޫސިއާ ޑޯޓްމުންޑް މިދިޔަ ހަފުތާ ކުޅުނު މެޗުން ހޮފެންހެމް އަތުން ބަލިވިނަމަވެސް ރޭގެ މެޗް ނާންބާގްގެ މައްޗަށް 2-0 ލަނޑުން ކުރި ހޯދާފައިވެ އެވެ.

މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުވިނަމަވެސް ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނުގެ ފުރުސަތުތަކެއް ލިބިފައިވެ އެވެ. ދެވަނަ ހާފު ފަށައިގެން ފަސް މިނެޓްފ ަހުން ޑޯޓްމުންޑަށް ލީޑް ހޯދައިދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ. އޭގެ 30 މިނެޓްފަހުން ކެވިން ގްރޮބްކުރޫޓްސް ޑޯޓްމުންޑަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ޓީމުގެ ޕްރެޝަރު ކުޑަކުރުވި އެވެ.

ބުންޑަސްލީގާގައި ކުޅުނު އެހެން މެޗްތަކަށް ބަލައިލާއިރު 5-3 ން ފްރޭބާގްގެ މައްޗަށް ޥާޑާ ބްރެމެން އިން ކުރި ހޯދިއިރު 2-0 ން އޯގްބާގް ބަލިކޮށް ހޮފެންހަމް މިހަފްތާގައިވެސް ތިންޕޮއިންޓް ހާދާފައިވެ އެވެ. ބެޔާން ލެވަކޫސަން އުނދަގުލުން 1-0 ން ސްޓުޓްގާޓް އަތުން މޮޅުވިއިރު ކޮލޯންއާއި ކޭސާސްލޯޓާން މެޗް 1-1 ވީ އެއްވަރެވެ.