Last Updated: 8 year 9 month ago

ސަލާމަތީ ބާރުތަކުން މާލޭގައި މުޒާހަރާ ނުކުރުމަށް ގޮވާލަމުން ދަނިކޮށް، މިއަދު އިދިކޮޅު ފަރާތްތަކުން މާލޭގައި އިހްތިޖާޖުކުރަން ފަށައިފިއެވެ. ޣައިރުގާނޫނީ އެއްވުމެއް ކަމަށް ބުނެ، އެއްވުމުގައި ބައިވެރިވެފައިވާ ފަރާތްތައް އެސަރަހައްދުން ފޮނުވާލުމަށް ފުލުހުން ދަނީ ހަރަކާތްތެެރި ވަމުންނެވެ.

މުޒާހަރާގައި ހައްޔަރުކުރި ވީ މީޑިއާގެ ސްޕޯޓްސް ޖާނަލިސްޓް ލީވާން އަލީ ނާސިރުގެ ބަޔާން ނަގާފައި ފުލުހުން އޭނާ ދޫކޮށްލައިފި

މިއަދުގެ މުޒާހަރާގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ)، މާދަމާ 14:00ގައި ޕޮލިހަށް ހާޒިރުވާން ޗިޓް ހަވާލުކުރުމަށްފަހު އޭނާ ދޫކޮށްލައިފި.

މުޒާހަރާގެ ތެރެއިން ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި. މިހާރު ކުނޫޒް ކައިރީގައި އެސްއޯ ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުން.
މުޒާހަރާގެ ބައިވެރިން ކުނޫޒް ކައިރިން ސިފައިންގެ ވެހިކަލެއް ހިފަހައްޓައިފި

މުޒާހަރާގެ ބައިވެރިން ކުނޫޒް ކައިރިން ސިފައިންގެ ވެހިކަލެއް ހިފަހައްޓާފައި --- ސަން ފޮޓޯ
މިހާރު ކުރިއަށް ދާ މުޒާހަރާ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ވީ މީޑީއާގެ ސްޕޯޓްސް ޖާނަލިސްޓް ލީވާން އަލީ ނާޞިރާއި، ރާއްޖެ ޓީވީގެ ވީޑިއޯ ޖާނަލިސްޓް ހުސައިން ހަސަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. ފުލުހުން ނޫސްވެރިން ދުރުކުރަން އުޅުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައި.
ސަންގު ޓީވީގެ ނޫސްވެރިޔާ އަބްދުﷲ ޔާމީންގެ މޫނަށް އަމާޒުކޮށް ޕެޕަސްޕްރޭ ޖެހުމުން ހާލު ދެރަވެ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވެސް ހައްޔަރުކޮށްފި.

ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި މުޒާހަރާގެ ތެރޭން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ހައްޔަރުކޮށްގެން ގެންދަނީ -- ސަން ފޮޓޯ: މުއާވިއަތު އަންވަރު
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ މޫނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުމަށްފަހު، ފުލުހުން އޭނާ ހައްޔަރުކޮށްފި. ޕެޕާާ ސްޕްރޭ ޖެހުމަށްފަހު ފުލުހުން މުހައްމާއަށް އެހީތެރިކަން ފޯރުކޮށްދިން.
ފުލުހުން ފަހަތަށް ޖެއްސުމުން މުޒާހަރާގެ ބައެއްް ބައިވެރިން މިހާރު ތިބީ އާޓިފިޝަލް ބީޗް ސަރަހައްދު މޫދުގައި.

މުޒާހަރާގެ ބައިވެރިޔަކު ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފި
އާޓިފިޝަލް ބީޗް ތެރޭގައި ތިބި މުޒާހަރާގެ ބައިވެރިން ދުރައްޖައްސަން ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި މެދު އުމުރުގެ މީހެެއްގެ އަތް ވަނީ ބިންދައިގެން ގޮސްފައި. އެމީހާ މިހާރު ވަނީ އެމްބިއުލާންސްގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި.

ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ބައިވެރިއެއްގެ އަތަށް އަނިޔާ ލިބިފައި -- ފޮޓޯ: މުއާވިއަތު އަންވަރު

ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ބައިވެރިއެއްގެ އަތަށް އަނިޔާ ލިބިފައި -- ފޮޓޯ: މުއާވިއަތު އަންވަރު
އާޓިފިޝަލް ބީޗް ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިން ޗައިނާ އެމްބަސީއާ ހަމައަށް ފަހަތަށް ޖައްސައިފި.

ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރޭން -- ސަން ފޮޓޯ: މުއާވިއަތު އަންވަރު
މިއަދުގެ މުޒާހަރާ ފެށުމުގެ ކުރިން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވަނީ ހައްޔަރުކޮށްފައި
އެމްޑީޕީގެ އައްޑޫ ސިޓީގެ ރައީސް އަހުމަދު އަދުހަމް، އެމްޑީޕީ ހަރުގެ ކައިރީ ހުއްޓައި މިއަދު 2:00 ގައި އޭނާ ވަނީ ހައްޔަރުކޮށްފައި
މުޒާހަރާގެ ބައިވެރީންނާ މުޚާތަބުކޮށް ތިމަރަފުށީ ދާއިރާގެ މަޖްލިސް މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރަނީސް ސަރަހައްދު ދޫކޮށް ނުދާނޭކަމަށް. ނަމަވެސް ފުލުހުން ދަނީ އެ ސަރަހައްދުން މީހުން ދުރަށްޖެއްސުމުގެ މަސައްކަތް ކުރަމުން.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް
"ޣައިރުޤާނޫނީ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ފުލުހުން ނުދޭނެ. އަމަންއަމާން ކަމާއި ސުލްހަމަސަލަސްކަމަށް ހުރަސް ނޭޅުމަށް އިލްތިމާސްކުރަން."
ފުލުހުން ބުނެފައި ވަނީ، މިހާރު ކުރިއަށް ދަނީ ޣައިރުގާނޫނީ އެއްވުމެއް ކަމަށާއި، އެއްވުން ރޫޅާލުމަށް މަސައްކަތްކުރަމުންދާއިރު އެއްވުމުގެ ބައިވެރިއަކަށް ލިބޭ ގެއްލުމުގެ ޒިންމާ ފުލުހުން ނުނަގާނޭ ކަމަށް.
ފުލުހުން ވަނީ މިހާރު އެމްޑީޕީ ހަރުގެ ތެރޭގައި ތިބި މީހުން އެތަނުން ނެރެ، ހަރުގެ ހުސްކޮށްފައ.











