ފެބްރުއަރީ އެއްވަނަ ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި، އިދިކޮޅު ކޯލީޝަނުން ކުރިއަށް ގެންދާ އެއްވުން ހުއްޓުވުމުގެ ގޮތުން ރައިޓް ގިއަރުގައި ތިބި ފުލުހުން ހަރަކާތެރިވާން ފަށައިފިއެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީގައި ފުލުހުން ހަރަކާތްތެރިވާއިރު އެ ސަރަހައްދުން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ އިދާރާގެ ތަރިޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް މައްސަކަތް ކުރަމުންދާ ކަމުގެ ސިއްރު މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"ކުއްލު ނުރައްކަލުގެ ޙާލަތުގައި ގާނުނު އަސާސީގެ 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާ ސަސްޕެންޑު ކޮށްފައިވާތީ، މި ހާލަތުގައި އެއްވެ އުޅުމުގެ ފުރުސަތު މާދަމާ ދެވެނެ ނެތް ވާހަކަ ދަންނަވަން. އެހެންކަމުން އެއްވުމުގައި ބައިވެރިވުމަށް ގޮވާލާ ގޮވާލުމަށް އެއްވެސް ރައްޔިތަކު އިޖާބަ ނުދިނުމަށް އިލްތިމާސް ކުރަން. އަދި ގާނޫނާ ހިލާފަށް މަސައްކަތް ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނަން،" ޝިފާން ވިދާޅުވިއެވެ.

ފުލުހުން ދަނީ އެމްޑީޕީ ހަރުގެ ތެރޭގައި ތިބި މުޒާހަރާގެ ބައިވެރިން އެތަނުން ނެރެ އެމްޑީޕީ ހަރުގެ ތެރޭގައި ހަރަކާތްތެރިވަމުންނެވެ.

އަދި ފުލުހުންދަނީ އެ ސަރަހައްދުގައި ބޭނުން ކުރަމުންދާ ސައުންޑް ސިސްޓަމް ކަނޑާލުމުގެ މަސައްކަތް ކުރަމުން ކަމަށް އިދިކޮޅު ކޯލިޝަނުންވަނީ ބުނެފައެވެ.

ފުލުހުން މިހާރު ވަނީ، އެ ސަރަހައްދުގައި އެއްވި ތިބި މީހުންގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހައި، އެއްވެފައި ތިބި މީހުން ފަހަތަށް ޖައްސައިފައެވެ.