16 Feb 2018, 15:19
ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން އިޓަލީގެ އެޓަލަންޓާ ބީސީއާ ދެކޮޅަށް ކުޅުނު ވަނީ، 3-2ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
ފަހަތުން އަރައި ޑޯޓްމަންޑު މޮޅުވި މި މެޗުގައި އެޓީމުގެ ތިން ލަނޑުގެ ތެރޭން ދެ ލަނޑު ކާމިޔާބުކޮށްދިނީ ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފަރގައި ލޯނު އުސޫލުން ޗެލްސީން ޑޯޓްމަންޑަށް ބަދަލުވި އުމުރުން 24 އަހަރުގެ ބެލްޖިއަމް ފޯވާޑް މިޗީ ބަޓްޝުއާއީއެވެ.
މެޗަށްފަހު އީއެސްޕީއެންއާ ވާހަކަ ދައްކަމުން ބަޓްޝުއާއީ ބުނީ، މިވަގުތު އޭނާ އެނބުރި ޗެލްސީއަށް ދިއުމަށް ނުވިސްނާ ކަމަށެވެ.
"މިވަގުތު އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިގެން،" އޭނާ ބުންޏެވެ.
"މިއީ ޑޯޓްމަންޑަށް ވަރަށް މުހިއްމު މޮޅެއް. އަހަރެމެންގެ ވިސްނުން ހުރީ، މެޗަކަށް ފަހު މެޗެއް ކާމިޔާބުކުރަމުން ދިއުން."
މުސްތަގުބަލާ މެދު ދެކެނީ ކިހިނަކުންތޯ ސުވާލުކުރުމުން ބަޓްޝުއާއީ ބުނީ، އެކަމާ އެއްވެސް ވަރަކަށް މިވަގުތު ނުވިސްނާ ކަމަށެވެ.
"މިވަގުތު އަހަންނަށް އެންމެ މުހިއްމު ކަމަކީ، ބޮރޫޝިއާ ޑޯޓްމަންޑު ކުޅޭ ކޮންމެ މެޗެއްގައި ރަނގަޅަށް ކުޅުން. ވަގުތު ޖެހުމުން އެހެން ކަންކަމާ ވިސްނާނަން،" ބަޓްޝުއާއީ ބުންޏެވެ.
ލޯނު އެއްބަސްވުމެއްގެ ދަށުން، 1.5 މިލިއަން ޕައުންޑުގެ ފީއަކަށް، މި ސީޒަންގެ ނިޔަލަށް ޑޯޓްމަންޑާ ގުޅުނު ބަޓްޝުއައީ ވަނީ، ތިން މެޗުން ޖުމުލަ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.