މޯލްޑިވިއަން އައިޑަލްއިން މި ސީޒަނަށް އަލަށް ތައާރަފްކުރި ގޯލްޑަން މައިކް ރޭ ލިބުނީ އާ މޫނަކަށް ނޫނެވެ. ޖަޖުން ސިއްސުވާލި ފުރިހަމަ އަޑަކާއެކު އެ މައިކު ހޯދީ، އެންމެ ކުޑައިރުން ފެށިގެން ލަވަ ކިޔުމަށް ޝައުގުވެރިވާ ލަވަކިޔުމުގެ ހުނަރު ހުރި ކުއްޖެކެވެ.

ސްކޫލް ކުދިންގެ ލަވަމުބާރާތުން އެއް ވަނަަ ހޯދައި ދިވެހިންގެ ހިތްތަކުން ޖާގަ ހޯދައިފައިވާ އާމިނަތު ސައިނާ މުހައްމަދު ރަޝީދު މިފަހަރުގެ މޯލްޑިވިއަން އައިޑަލްގައި ބައިވެރިވީ، އެންމެ ދަށްވެގެންވެސް އައިޑަލްގެ ގަދަ ތިނެއްގައި ހިމެނުމުގެ އަޒުމުގައެވެ. އެ އަޒިމުގައި ބައިވެރިވެ އޭނާ މުބާރާތުގެ އޮޑިޝަނުން ފާސްވީ ގޯލްޑަން މައިކުވެސް ހޯދައިގެންނެވެ.

ހިތްގައިމު ރީތި އަޑަކުން ޒީރޯ ޑިގްރީގެ "އެންވަގުވީ" ކިޔާލި ސައިނާ އަށް ގޯލްޑަން މައިކް ލިބުނީ، ޖަޖުން ސައިނާގެ ހިތްތަޅުވާ ލުމަށް ފަހުއެވެ.

ލަވަކިޔުމާއެކު ބޭރުގައި މަޑުކޮށްލުމަށް ބުނުމަށްފަހު ހަތަރު ޖަޖުން ވެސް މަޝްވަރާ ކުރުމަށްފަހު ނިންމީ ސައިނާއަށް ގޯލްޑަން މައިކް ދޭށެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެން ދިޔަ މި ފަހަރު އައިޑަލްގެ އެންމެ ހާއްސަ ކަމަކީ އައިޑަލްއަށް އަލަށް ތައާރަފްވި ގޯލްޑަން މައިކެވެ. ގޯލްޑަން މައިކް ލިބޭ ކުއްޖާއަށް ފުރަތަމަ ތިއޭޓާ ރައުންޑް ގްރޫޕް ހުށަހެޅުމެއް ހުށަނާޅައި ސޯލޯ ލަވަ ކިޔުމުން ޖާގަ ލިބިގެންދާނެއެވެ.

ލަވަ ކިޔުމުގެ ހުނަރުން ޖަޖުން ޖާދޫގައި ޖައްސާލައި ގޯލްޑަން ޓިކެޓް ރޭ ބައެއް ކުދިން ހޯދިއިރު އަނެއް ބައި ކުދިން ދިޔައީ އާ އަޒުމެއް އާ ކުރަމުންނެވެ.

ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ފްރެންޗައިޒް ރިއަލިޓީ ޝޯ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ރޭ ޕްރިމިއާ ކޮށް، މާލޭ އޮޑިޝަންގެ ބައެއް ރީތި ހުށަހެޅުންތަކެއް ފެނިގެން ގޮސްފައިވާ އިރު، މިރޭ ވެސް މާލޭގެ އޮޑިޝަންގެ ދެވަނަ ދުވަހުގެ ހުށަހެޅުންތަކެއް ފެނިގެން ދާނެއެވެ.

ޖަޖުންގެ ޕެނަލްގައި ހިމެނެނީ ކުރީ ދެ ސީޒަންގައިވެސް ޕެނަލްގައި ހިމެނުނު މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލްއާ ގުޅުނު ޒާރާ މުޖުތަބާ އެވެ.

އައިޑަލްގެ ހޯސްޓުންގެ ގޮތުގައި މި ސީޒަންގައި ހަރަކާތްތެރިވާނީ މޫސާ ވަސީމް އަދި ޝައިނާ ޝަރީފް އެވެ.