16 Feb 2018, 04:17
މާލޭގައި މިރޭ މެންދަމުގެ ވަގުތެއްގައި މީހެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި މިރޭ މެންދަމު 3:00 އާއި 3:30 އާ ދެމެދުގެ ވަގުތެއްގައި މީހަކަށް ވަޅިން ހަމަލާދިނީ ހެންވޭރު ޗާޓައިމް ކައިރީ ހުންނަ ޕީކޭ ދަނޑު ސަރަހައްދުންނެވެ.
މަންޒަރު ފެނުނު މީހަކު ކިޔައިދިން ގޮތުގައި އެ ސަރަހައްދުން ވަޅިހެރުމުން ޒަޚަމްވި މީހާ ދުވެފައި ގޮސް ސެނެހިޔާ ހޮސްޕިޓަލް ފުރަގަސް މަގުގައި ހުންނަ ސްލެންޑާ މާޓް ނަމަކަށް ކިޔާ ފިހާރައެއް ކައިރިއަަށް ގޮސް ހުއްޓައި ބިންމައްޗަށް ވެއްޓުނީއެވެ.
"ބިންމައްޗަށް ވެއްޓިފައި އޮއްވައި އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުން އެވަގުތު ސައިކަލެއްގައި ދިޔަ މީހަކު. ވަޅި ހަރާފައި ވަނީ އެ މީހާގެ ކަނާތު އަރިކައްޓަށް،" މަންޒަރު ފެނުނު މީހަކު ކިޔައިދިނެވެ.

ވަޅިހެރުމުން ޒަޚަމްވި މީހާ ވެއްޓިފައި އޮތް ސަރަހައްދުގައި ލޭ --- ސަން ފޮޓޯ/ މުހައްމަދު ޝަމްއޫން
ވަޅިހެރުމުން ޒަޚަމްވި މީހާ މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހުރި ގެއެއް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި އެގޭގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާ މަންޒަރު "ސަން" ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ވަޅިން މީހަކަށް ހަމަލާދިން ސަރަހައްދުގައި ހުރި ގެއެއްގެ ބިއްލޫރިގަނޑެއް ތަޅާލާފައި --- ސަން ފޮޓޯ/ މުހައްމަދު ސަމާހު
އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރި މަންޒަރު "ސަން" ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.
އެ ހާދިސާ ހިނގުމުގެ ކުރިން އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް މީހުން "ސަން" އަށް ކިޔައިދިންގޮތުގައި ހަ ވަރަކަށް މީހުންގެ ގްރޫޕަކުން ލަކުޑިބުރިތަކެއް ހިފައިގެން އުޅުނު މަންޒަރު އެމީހުންނަށް ވަނީ ފެނިފައެވެ.

މިރޭ މީހެއްގެ ގަޔަށް ވަޅިހެރި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްގެންް ގެންދަނީ --- ސަން ފޮޓޯ/ ކިޔުންތެރިއެއް
"ސަން" އަށް އެނގިފައިވާގޮތުގައި ވަޅިހެރުމުން ޒަޚަމްވި މީހާގެ ހާލު ސީރިއަސްއެއް ނޫނެވެ.
ފުލުހުން މިރޭ ބަލައި ފާސްކުރަމުންދާ ގޭގެތެރެއިން ޒަޚަމްވެފައިވާ ޒުވާނަކު ނެރެގެން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު "ސަން" ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ އެސްއޯ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
އެ މާރާމާރީއާ ގުޅިގެން ފުލުހުން ބަލައިފާސްކޮށް މީހުން ހައްޔަރުކުރި ގެއާ ޖެހިގެން ހުރި އިމާރާތެއްގެ ތެރެއިން ލަކުޑި ބުރިތަކެއް ވަނީ ފެނިފައެވެ. ފުލުހުން އަންނަނީ އެ އިމާރާތް ބަލައި ފާސްކުރަމުންނެވެ.

މިރޭ ވަޅި ހެރި މައްސަލާގައި މީހުން ހައްޔަރުކުރި ގެއާ ޖެހިގެން ހުރި މި އިމާރާތް ފުލުހުން ބަލައި ފާސްކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ސަމާހު