21 Aug 2011, 12:29
ބަނގްލަދޭޝްގެ ބެޓާ ބަނގްލަދޭޝް ފައުންޑޭޝަނުން ބަނގްލަދޭޝްގެ ސައުތު އީސްޓް ޔުނިވާސިޓީ މެދުވެރިކޮށް ރާއްޖެ އަށް 20 ސްކޮލާޝިޕް ހަދިޔާކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ސްކޮލާޝިޕްތައް އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާ ހަވާލުކުރެއްވީ ބަނގުލާދޭޝްގެ ހައިކޮމިޝަނަރު އެޑްމިރަލް އައްވަލް އެވެ.
މިއަދު ހެނދުނު އެޑިއުކޭޝަން މިނިސްޓްރީގައި ސްކޮލާޝިޕްތައް ރާއްޖެ އާ ހަވަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ބަނގްލަދޭޝްގެ އިންސްޓިޓިއުޓްތަކާއި ރާއްޖޭގެ އިންސްޓިއުޓްތައް އެކުގައި މަސައްކަތް ކުރުން އެއީ އެދޭގޮތް ކަމަށެވެ.
އަދި ރާއްޖެ އިން ބޭރަށް ކުދިން ފޮނުވުމަށް ވުރެ ބޮޑަށް ބޭނުން ވަނީ ބޭރުގެ އިންސްޓިޓިއުޓްތަކާއި ޔުނިވާސިޓީތައް ރާއްޖޭގެ ޔުނިވާސިޓީ އާއި ޕްރައިވެޓް އިންސްޓިޓިއުޓްތަކާ އެކު މަސައްކަތް ކުރުން ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އެކަން ކަމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޖެނުއަރީ މަހު ސޮއި ކުރި އެމްއޯޔޫއެއްގެ ދަށުން ރާއްޖެ އަށް ލިބުނު ސްކޮލާޝިޕްގެ ތެރެއިން މައިގަނޑުގެ ގޮތެއްގައި ކުދިން ކިޔަވަން ފޮނުވާ ގޮތަށް ހަމަޖެހިފައި ވަނީ ވިޔަފާރީގެ ދާއިރާތަކުން ނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓިއުޝަން ފީ ހިލޭ ލިބޭ އެ 20 ސްކޮލާޝިޕަކީ ހަތަރު އަހަރުގެ މުއްދަތަށް ލިބިފައިވާ ސްކޮލާޝިޕްތަކެއް ކަމަށެވެ. އަދި ސްކޮލާޝިޕްތަކަށް ކުދިން ހޮވުމަށް ހަމަޖެހިފައި ވަނީ އިއުލާންކޮށްގެން ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.
ބަނގުލަދޭޝް އިން އަންނަނީ ދިވެހި ޔުނިވާސިޓީއާ އެކު ޑިޖިޓަލް ލައިބްރަރީއެއް ހެދުމުގެ ވެސް މަސައްކަތް ކުރަމުންނެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ދަރިވަރުންނަށް ބަނގްލަދޭޝްގައި ތިބެގެން މަތީ ތަޢުލީމް ހާސިލުކުރުމުގެ ފުރުސަތު ދީފައިވެ އެވެ.