25 May 2010, 10:59
14:30
އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލަޖީގެ ދާއިރާއިން މުދައްރިސުން ތަމްރީނު ކުރުމަށް 5.3 މިލިއަން ޑޮލަރުގެ ހިލޭ އެހީ އިންޑިއާއިން ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ފަންސަވީހުގައި މިއަދު އެޑިއުކޭޝަން މިނިސްޓްރީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަހުމަދު އަލިމަނިކު ވިދާޅުވީ މުދައްރިސުންގެ ފެންވަރު ރަނގަޅު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލަޖީގެ ދާއިރާއިން މުދައްރިސުން ތަމްރީނު ކުރުމަށް އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލަޖީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތަކުން 5.3 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ހަމަޖއްސާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭ އެމަސައްކަތް ފެށޭ ވަރު ވާނެ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ދެއްވި އެވެ.
ޑރ. އަލިމަނިކު އިތުރަށް ވިދާޅުވީ މިދިޔަ އަހަރަކީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު އެންމެ ގިނައިން ދިން އަހަރު ކަމަށެވެ. މީގެ އިތުރުން މިހާރު ވެސް 30 ޕްރިންސިޕަލަކު މާސްޓަރ ފެންވަރަށް މެލޭޝިއާއަށް ކިޔަވަން ފޮނުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޑރ. އަލިމަނިކު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތޮފާ ލުތުފީ މިއަދު ވިދާޅުވީ މިހާރު ތައްޔާރުކޮށްފައިވާ ކަރިކިއުލަމް ފްރޭމް ވޯކަކީ މަންހަޖު އެކުލަވާލުމުގެ އަސާސެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރު އާ މަންހަޖަށް ފުރަތަމަ ޢަމަލުކުރަން ފަށާނީ ޕްރީސުކޫލުން ކަމަށެވެ. އަދި 2012 ވަނަ އަހަރު އާ މަންހަޖަށް ޢަމަލު ކުރަން ފަށާނީ ގްރޭޑް އެކެއް، ދޭއް، ތިނެއްގެ ކުދިންނަށް ކަމަށް ވެސް އެމިނިސްޓްރީން ބުނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ ކަރިކިއުލަމް އަށް ހުރިހާ ގްރޭޑް ތަކަށް އެއްފަހަރާ ޢަމަލު ކުރަން ނުފަށަނީ އެއީ ވަރަށް ބޮޑު މަސައްކަތް ތަކަށް ވާތީ ކަމަށެވެ. އަދި އާ މަންހަޖަށް ޢަމަލުކުރުމުގައި އެންމެ ބޮޑަށް ދަތިވަނީ މުދައްރިސުން ތަމްރީނު ކުރުން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.