ހެކި ފޮރުވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަން ފުލުހުން އެންގި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫނު ހަމީދު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނު ހައްޔަރުކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

މައުމޫނު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނުގެ މައްޗަށް ހެކި ނައްތާލަން އުޅުނު ކަމުގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އަންގާފައިވާ ކަަމަށެވެ.

ނަމަވެސް އެއީ ކޮން ހެއްކެއް ކަމެއް ފުލުހުން ބުނެފައި ނުވާ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ރައީސް މައުމޫނުގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމު އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.