21 Aug 2011, 12:18
އިޓަލީގެ އިންޓަމިލާނަށް ކޯޗްކޮށްދިނުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗްކަމާއި ހަވާލުވި ހޯސޭ މޮރީނިއޯގެ ސަބަބުން ކުލަބަށް ލިބިފައިވާ ޝަރަފު ގެއްލެމުންދާކަމަށް ބުނެ މޮރީނިއީގެ އަޚްލާގަށް އެކުލަބުގެ ކުރީގެ ޑިރެކްޓަރު ޖޯޖް ވަލްޑާނޯ ފާޑު ކިޔައިފި އެވެ.
ރެއާލް މެޑްރިޑްގައި ކުޅުންތެރިއެއްގެ ގޮތުގައިހުރެ ތިން ލީގު ތަށި ހޯދި ޓީމުގައި ހިމެނުނު ވަލްޑާނޯ މޮރީނިއޯއަށް ފާޑުކިޔާފައިވަނީ ސްޕެނިޝް ކަޕްގެ ދެވަނަ ލެގު މެޗުގައި ބާސާގެ އެސިސްޓަންޓް ކޯޗް ޓިޓޯ ވިލަނޯވާއަށް ހަމަލާ ދިނުމާއި ގުޅިގެންނެވެ. މި ހަމަނުޖެހުން ހިނގާފައިވަނީ ބާސާއާއި އަލަށް ގުޅުނު ފެބްރިގާސްއަށް ރެއާލް މެޑްރިޑްގެ މާސެލޯ ކުރި ފައުލާއި ގުޅިގެން ދެއްކި ރަތްކާޑާއި ހެދިއެވެ.
މޮރީނިއޯގެ އަހުލާގަށް ވަލްޑާނޯ ފާޑުކިޔާފައިވާއިރު ދެމީހުންގެ މެދުގައި މައްސަލަތަކެއް ޖެހިފައިވާކަމަށާއި ވަލްޑާނޯ ކުލަބު ދޫކޮށްލީ މޮރީނިއޯއާ ޖެހުނު އެ މައްސަލާގައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
"މި ހަމަނުޖެހުންތަކާއި ހެދި ހަމައެކަނި ރެއާލް މެޑްރިޑަށް ލިބިފައިވާ ޝަރަފެއް ނޫން ގެއްލޭނީކީ. މޮރީނިއޯއަށް ލިބިފައިވާ ޝަރަފު ވެސް ފަނޑުވަމުންދާނެ. އެއްވެސް މީހަކަށް އެހިނގައިދިޔަ އަމަލުތަކުން ފަޚުރުވެރިއެއް ނުވާނެ. މޮރީނިއޯ މިހާރު ހަވާލުވެ އެހުރީ 109 އަހަރުގެ ތާރީހެއް އޮތް ކާމިޔާބު ކުލަބަކާ. އެކަން އޭނާ ދެނެގަންނަންޖެހޭނެ." ވަލްޑާނޯ ބުންޏެވެ.
ބާސެލޯނާއިން ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދުމަށްފަހު މި ސީޒަނުގައި ހޯދި ފުރަތަމަ ތަށި ހޯދާފައިވަނީ މޮޅު ކުޅުމެއް ދެއްކުމަށް ފަހުކަމަށް ވަލްޑޯނާ ބުނެފައިވެއެވެ. އޭގެ އިތުރުން މިސީޒަނަށް އިޓަލީގެ ޔުދިނޭސީ އިން ބާސާއާ ގުޅުނު ޗިލީ ފޯވާޑް އެލްކްސިސް ސަންޗޭޒްއަށް ވަލްޑާނޯ ތަޢުރީފްކޮށްފައި ވެއެވެ.
"ސަންޗޭޒްގެ ކުޅުން ވަރަށް އަވަސް އަދި އޭނާ ފަސޭހައިން ބޯޅަވެސް ހޯދާ. ޓީމުގެ އެހެން ކުޅުންތެރިންނާއެކު ގިނަ ފަރިތަކުރުންތަކެއްގައި ބައިވެރިނުވި ކަމުގައިވީނަމަވެސް އޭނާ ކުޅުނު ފުރަތަމަ މެޗުގެ ކުޅުން ވަރަށް ރަނގަޅު. ފެބްރިގާސް ބާސާއާއި ގުޅުމުން ސަންޗޭޒްއަށާއި މެސީއަށް ފަސޭހަތަކެއް ވެގެންދާނެ." ވަލްޑާނޯ ބުންޏެވެ.