23 Feb 2018, 15:20
އައްޑޫ އަތޮޅު މަރަދުއަށް އުފަން، އުމުރުން 54 އަހަރުގެ އަހުމަދު ޒުހައިރަކީ އެންމެ ކުރީއްސުރެވެސް ލޮލުގައި ގިނަ މައްސަލަތަކެއް ހުރި މީހެކެވެ.
ފުވައްމުލަކަށް ރެޖިސްޓްރީ ބަދަލުކޮށްގެން އެ ރަށުގައި ދިރިއުޅެމުން ގެންދާ ޒުހައިރަކީ މިއަދު އެއް ލޮލުގެ ފެނުމުން މަހުރޫމު ވެފައިވާ، ދެ ކުދިންގެ ބައްޕައެކެވެ.
"އެއީ ވެސް ހަމަ އާދައިގެ ދުވަހެއް. ހުކުރު ދުވަސްވީމަ ހުތުބާ ކިޔަން ވެގެން މެންބަރަށް އެރީ. ހުތުބާ ކިޔަން ހުއްޓާ ވައަތު ލޯ ހިރުވަން ފެށީ،" ޒުހައިރުގެ ވާހަކަ ފެށީ މިހެންނެވެ.
"ފެށުނީއްސުރެ ލޯ ވަރަށް ބަލި ވާނެ. ހާއްސަކޮށް ވައަތު ލޯ ބަލިވާނެ. އެކަން މިހެން އޮއްވާ ލޮލުގެ ފެނުން އެ ދިޔައީ. އަޅުގަނޑަށް ރަނގަޅަށް ލޮލަށް ފެންނަން ފެށީ ވެސް 2001 ވަނަ އަހަރު. މިހާރު ވައަތު ލޮލަށް އެއްގޮތަކަށް ވެސް ނުފެނޭ ލޮލަކަށް. ވަރަށް ދަތި ދިރިއުޅުމެއް އުޅެން މިޖެހެނީ."
ޒުހައިރުގެ ބަލި ހާލަތާ ގުޅޭ ގޮތުން "ސަން ކުލުނު" އާ ވާހަކަ ދައްކަމުން އޭނާ ބުނީ އެ ދުވަހުގެ ފަހުން ވައަތު ލޮލުގެ ފެނުން އެއްކޮށް ދިޔައީ ކަމަށާއި އެ ދުވަހަކީ ވަރަށް ހިތްދަތިވި ދުވަހެއް ކަމަށެވެ.
"ވަރަށް ކުރީއްސުރެ ވެސް އަޅުގަނޑު މި ދަނީ ލޯ ރަނގަޅު ކުރެވޭތޯ އެކި އެކި މަސައްކަތް ކުރަމުން. މީގެ 17 އަހަރު ކުރިން އިންޑިއާގެ ހޮސްޕިޓަލަކުން ސާޖަރީއެއް ހަދައިގެން ލޯ ރަނގަޅު ކުރެވުނީ،" ޒުހައިރު ބުންޏެވެ.
ޅ. އަތޮޅުގެ ޕާމް ބީޗް ރިސޯޓުގައި މި ވަގުތު ވަޒީފާ އަދާކުރަމުންދާ ޒުހައިރަކީ ހިވާގި ބައްޕައެކެވެ. ދަރިންގެ ކަންތައްތައް ކައިރިން ބަލައެވެ. 7000 ރުފިޔާގެ މުސާރަ އަކަށް ވަޒީފާ އަދާކުރަމުން އަންނަ ޒުހައިރު ބުނީ އެ ރުފިޔާ ކޮޅުން ހަރަދުތައް ނުބެލެހެއްޓޭ ކަމަށެވެ.
"ކިހިނެއް ހުރިހާ ހަރަދެއް އޭގެން ކުރާނީ. ލޯ ދައްކަން ގޮސްފަވެސް އެބަ ޖެހޭ އެ ކޮޅުގައި ހުންނަން. އެއީ ވެސް ހަރަދު ބޮޑު ކަމެއް. ޑަކްޓަރަށް ދައްކާ ފަރުވާ ހޯދުމަށް ވެސް ފުދޭ ވަރަކަށް ހަރަދު ހިނގާނެ. ޑަކްޓަރުން ބުނޭ ކޮއިމަތޫރަށް ގޮސްގެން ލޯ ރަނގަޅު ކުރެވޭނޭ. އެހެންވެ ވަރަށް ބޮޑު އުންމީދެއް އެބޮތް. ތިބޭފުޅުންގެ ދީލަތި އެހީ ބޭނުން ވަނީ،" އޭނާ ކިޔައިދިނެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދުމަށް މަޑު ކުރުމަކީ އޭނާގެ މާލީ ތަނަވަސްކަން ހުރި ކަމަކަށް ނުވާއިރު ޒުހައިރު އެދެނީ ތިބޭފުޅުންގެ ދީލަތި އެހީ އަށެވެ.
"ވަރަށް އުނދަގޫ ލިޔެފައި ހުންނަ އެއްޗެހި ކިޔަން. ލޮލާ ކައިިރިކޮށްގެން ވެސް ވަރަށް ދަތި. އަނެއްކޮޅުން މިސްކިތުގެ އިމާމެއް އަޅުގަނޑު މިއީ. ހުކުރު ދުވަސް ދުވަހު ހުތުބާ ކިޔާ ގަޑިއަށް އެންމެ އުނދަގޫ ވަނީ،" އާމްދަނީ ހޯދުމަށް ބުރަ މަސައްކަތް ކުރަމުން އަންނަ ޒުހައިރުގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލީ މިހެންނެވެ.
"މުސްތަގްބަލަށް ވިސްނާނަމަ އަޅުގަނޑު ބޭނުން ދެ ދަރިންނަށްޓަކައި ވެސް ސިއްހީ ގޮތުން ބަލިކަށި ނުވެ ހުންނަން. އަޅުގަނޑު ދެކޭ ގޮތުގައި އަދި އެ ކުދިން ވަރަށް ކުޑަ. އެ ކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ބޭނުން،" އޭނާ ބުންޏެވެ.
ޒުހައިރު އެދެނީ އޭނާއަށް ކުޑަ ނަމަވެސް އެހީތެރިކަމެއް ދިނުމަށެވެ.
"އަޅުގަނޑުގެ އަންހެނުންނަކީ ހަމަ ބަރާބަރު، ކެތްތެރި މީހެއް. އޭނާގެ ހިތްވަރުން އަޅުގަނޑު މިހިސާބަށް ވެސް އާދެވިފައި މި ހުރީ. އަޅުގަނޑު ޝުކުރު އަދާކޮށްލަން ބޭނުން އަޅުގަނޑުގެ އަންހެނުންނަށް. އަދި އަޅުގަނޑަށް އެހީތެރިވި ހުރިހާ އެންމެންނަށް،" ޒުހައިރު ބުންޏެވެ.
އަހްމަދު ޒުހައިރު އަށް އެހީތެރިވުމަށް
ފޯނު ނަންބަރު: 7992554 (އަހްމަދު ޒުހައިރު)
ބީއެމްއެލް އެކައުންޓް ނަމްބަރު: 7701103928101 (އަހްމަދު ޒުހައިރު އާ ގުޅިފައިވާ އެކައުންޓް ނަންބަރު)
ނޯޓް:ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.
އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 ނުވަތަ 9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.