އާސެނަލްގެ ފްރާންސް މިޑްފީލްޑަރު ސާމިރް ނަސްރީ، މެން ސިޓީއަށް 25 މިލިޔަން ޕައުންޑަށް ވިއްކުމާ ބެހޭގޮތުން ދެ ކްލަބުން ކުރަމުންދިޔަ މަޝްވަރާތަކަށް ނިމުމެއް އަތުވެއްޖެ ކަމަށް މީޑިއާ ރިޕޯޓް ތަކުން ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނަސްރީއާމެދު ދެ ކްލަބުން ކުރަމުންދިޔަ މަޝްވަރާތަކަށް ނިމުން އައިސްފައި ވަނީ ނަސްރީ އާސެނަލްގައި މަޑުކުރާ ގޮތަށެވެ. ނަސްރީ މިހާރު އާސެނަލްގައި މަޑުކޮށްގެން ހުރީ އުފަލާއެކު ކަމަށް ވެސް ބައެއް ރިޕޯޓްތަކުގައި ވެއެވެ.

ނަސްރީ މެންސިޓީ އާއި ގުޅޭނެ ކަމަށް ކުރިން ބެލެވިފައި އޮތީ ފަސް އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގައެވެ.

ޕްރިމިއާ ލީގުގައި އިއްޔެ ލިވަޕޫލް އަތުން 2-0 އިން އާސެނަލް ބަލިވި މެޗުގައި ކޯޗު އާސެން ވެންގާ ނަސްރީ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނެވެ. އެ މެޗުގައި ނަސްރީ ވަނީ މޮޅު ކުޅުމެއް ވެސް ދައްކާފަ އެވެ.

ދެހާސް އަށް ވަނަ އަހަރު ފްރާންސްގެ މާސޭއިން އާސެނަލްއަށް ބަދަލުވި ނަސްރީ އެ ކްލަބަށް ކުޅުނު 124 މެޗުން 27 ގޯލް ޖަހައިދީފައިވެ އެވެ. ނަސްރީ އާއި އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު ދުވަސް އޮތް އިރު އޭނާ ވަނީ އިތުރު ކޮންޓްރެކްޓެއްގައި ކްލަބާއިއެކު ސޮއިކުރުމަށް ދެކޮޅު ހަދާފަ އެވެ.
މެންޗެސްޓާ ސިޓީއަށް 25 މިލިޔަން ޕައުންޑަށް ނަސްރީ ގެނެވިއްޖެނަމަ އެކްލަބަށް މިސީޒަނަށް 77 މިލިޔަން ޕައުންޑް ހަރަދުކުރެވޭނެ އެވެ. މެންސިޓީއަށް 39 މިލިޔަން ޕައުންޑަށް ސާޖިއޯ އަގްއެރޯ ގެންގޮސްފައިވާއިރު 13 މިލިޔަން ޕައުންޑަށްވަނީ ސްޓެފަން ސަވިޗްއާއި ގާއެލް ކްލިޗީ ގެންގޮސްފަ އެވެ.