ޤާހިރާ : އިސްރާއީލުން މިދިޔަ ބުރާސްފަތި ދުވަހު ސަރަޙައްދީ ރޮނގު ހުރަސްކޮށް މިސްރަށްވަދެ މިސްރު ފުލުހުންގެ 5 މީހަކު މަރާލި ޖަރީމާ މަޢާފް ނުކުރެވޭނެ ކަމަށް މިސްރު ސަރުކާރުން ބުނެފިއެވެ.

މިސްރު ސަރުކާރުން ނެރުނު ބަޔާނެއް ބުނިގޮތުގައި މިޖަރީމާ ހިންގުމަށްފަހު ދެރަވާ ކަމަށްބުނެ އިސްރާއީލުން މަޢާފަށްއެދި ބަޔާނެއް ނެރުމުން ނުފުދޭ ކަމަށާއި މިސްރު ފުލުހުންގެ 5 މީހަކު މަރާލި ޖަރީމާ މިވަރުން މަޢާފް ނުކުރެވޭނެ ކަމުގައެވެ. މިމައްސަލާގައި މިސްރުންވަނީ އިސްރާޢީލުގައި ހުންނަ މިސްރުގެ ސަފީރު އަނބުރައި ޤައުމަށް ގެނަސް ޤާހިރާގައި ހުންނަވާ އިސްރާއީލުގެ ސަފީރު މިސްރުގެ ޚާރިޖިއްޔާއަށް ޙާޒިރުކޮށް އިޙްތިޖާޖްގެ ސިޓީއެއް އޭނާއާ ޙަވާލުކޮށްފައެވެ. މިސްރުގެ ބޮޑުވަޒީރު ޢިސާމް ޝަރަފް ވިދާޅުވީ މިސްރު ރައްޔިތުންގެ ލޭ އިސްރާއީލު ހީކުރާހާ އަގުހެޔޮ ނުވާނެ ކަމަށާއި މިސްރުން މިސްރު ރައްޔިތުން ދިފާޢުކުރާނެ ކަމަށް ވިދާޅުވެ އިންޒާރުގެ ބަސްތަކެއް ބޭނުން ކުރައްވާފައެވެ.

މިމައްސަލާގައި މިސްރުގެ ސަރުކާރާއި ރައްޔިތުން އައިސްފައިވާ ރުޅިއާގުޅިގެން އިސްރާއީލުންވަނީ މިސްރު ރުއްސުމަށްޓަކައި ޤާހިރާއަށް ކުއްލިގޮތަކަށް އިއްޔެ މަންދޫބަކު ފޮނުވައި މިސްރުގެ ކިބައިން ރަސްމީ ކޮށް މަޢާފަށް އެދިފައެވެ. އަދި މިސްރުގެ ފުލުހުން މަރުވި މައްސަލަ ތަޙްޤީޤް ކުރާނެ ކަމަށާ މިސްރަށް ކުޑަކޮށްވެސް ގޯނާކުރަން އިސްރާއީލު ބޭނުންނުވާ ކަމަށް ވިދާޅުވެ އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކްވަނީ ބަޔާނެއް ދެއްވާފައެވެ.
އިސްރާއީލަށް ދޫދެމުން ގެންދިޔަ މިސްރުގެ ކުރީގެ ރައިސް ހުސްނީ މުބާރަކް ދުވަސްވަރާ ޚިލާފަށް މިދުވަސްވަރަކީ އެމެރިކާއަށާއި އިސްރާއީލާ ދެކޮޅަށް މިސްރުގައި ޢަރަބި ޤައުމީ ރޫހެއް އުފެދިފައިވާ ދުވަސްވަރަކަށްވާތީ މިމައްސަލާގައި އިސްރާއީލު ވަރަށް ބޮޑަށް ބިރުގެންފައިވާ ކަމަށް ނޫސް ރިޕޯޓްތައް ބުނެ އެވެ.

އިސްރާއީލުގެ މިޢަމަލަކީ މިސްރާއި އިސްރާއީލާ ދެމެދު ސޮއިކޮށްފައިވާ ކޭންޕް ޑޭވިޑްގެ މުޢާހަދާއާ ޚިލާފް ކަމަކަށްވާތީ މި މުޢާހަދާގެ މުސްތަޤްބަލާމެދު އިސްރާއީލު ބިރުހީވެފައިވާ ކަމަށާ ފަލަސްތީނުގެ ބިމުގައި އިސްރާއީލު ދެމިއޮތުމުގެ ބާރުލިބޭ އެންމެ ބޮޑު މުޢާހަދާ ކަމަށްވާ ކޭންޕް ޑޭވިޑްގެ މުޢާހަދާ އުވިގެންދިޔުމަކީ މިސްރާއެކު އަލުން ހަނގުރާމައިގެ ޙާލަތަށް ދިޔުން ކަމަށާ މިއީ އިސްރާއީލުފަދަ ކުޑަ އަދި އެކަހެރިވެފައިވާ ޤައުމަކަށް ތަހައްމަލްކުރަން ދަތި މައްސަލައަކަށްވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އިސްރާއީލުން މިސްރުގެ ފަސް ފުލުހުން މަރާލާފައިވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް މިސްރަށް އިސްރާއީލު ސިފައިންވަދެ ކަމަށް ސައިނާގައި ތިބޭ އދ. ގެ އޮބްޒާވަރުންގެ ޓީމުން ބުނެއެވެ. މިމައްސަލާގައި މިސްރުގެ ރައްޔިތުންވަނީ ޤާހިރާގައި ހުންނަ އިސްރާއީލުގެ އެންބަސީއަށް ގޯނާ ކޮށްފަ އެވެ.

އިސްރާއީލުގެ އެންބަސީގެ ފާރުތެރެއަށް މިސްރުގެ ޢާންމުންވަދެ އިސްރާއީލުގެ ދިދަ ބޭލުމަށްފަހު އިސްރާއީލގެ އެންބަސީގެ ޢިމާރާތުގައި މިސްރުގެ ދިދަ ނަގާފައިވެއެވެ. އަދި އިސްރާއީލުގެ ސަފީރު މިސްރުން ބޭރުކޮށް ކޭންޕް ޑޭވިޑްގެ މުޢާހަދާ އުވާލައި އިސްރާއީލާ ގުޅުންތައް ކަނޑާލުމަށް ގޮވާލާ މިސްރުގެ އެތަށް ހާސްބަޔަކު އިއްޔެއިން ފެށިގެން އިސްރާއީލުގެ އެންބަސީގެ ކުރިމަތީގައިދަނީ މުޒާހަރާ ކުރަމުންނެވެ.

އިސްރާއީލުން މިސްރުގެ ފަސް ފުލުހުން މަރާލާފައިވަނީ މިދޔަ ބުރާސްފަތި ދުވަހު އިސްރާއީލުގެ ރަށެއްކަމަށްވާ އީލާތުގައި ހަތިޔާރު އަޅައިގެންތިބި ބަޔަކު ދިން ޙަމަލާތަކަކާ ގުޅިގެން ކަމަށް އިސްރާއީލުން ބުނެއެވެ.

މިހަމަލާދީފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފިދާއީން ކަމަށްބުނެ އިސްރާއީލުންވަނީ މިސްރުގެ ފަސް ފުލުހުން މަރާލުމުގެ އިތުރުން ޣައްޒާގެ ތިން ތަނަކަށް ޙަމަލާދީ ފަލަސްތީނުގެ 15 މީހަކު ޝަހީދުކޮށްލައި 44 މިހަކު ޒަޚަމް ކޮށްލާފައެވެ. ރައްދުގައި ފަލަސްތީނުންދިން ރޮކެޓް ޙަމަލާތަކެއްގައި އިސްރާއީލުގެ އެކަކު މަރުވެ 4 މީހަކު ޒަޚަމްވެފައިވެއެވެ. (އަލްޖަޒީރާ+އަލްއަހަރާމް)