ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޓެކްސް ބިލްތަކާ ބެހޭ ގޮތުން އިދިކޮޅު ލީޑަރު އަހުމަދު ތަސްމީން އަލީ ރޭ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ކުއްލި ގޮތަކަށް ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން ޑީއާރުޕީއާ އެކު ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީން ޑީއާރުޕީގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ގައުމީ ޕާޓީގެ އަމީން އާންމު މިއަދު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް ގެންގުޅެފައިވާ ގޮތުން ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި އެފަދަ ދަނޑިވަޅެއްގައި އިދިކޮޅު ލީޑަރު ރައީސުލްޖުމްހޫރިއްޔާ އަރިއަހަށް ވަޑައިގެން ކުއްލި ކުއްލި އަށް ބައްދަލު ކުރެއްވުމީ އެ ޕާޓީ އަށް އެއްވެސް ގޮތަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އޭނާ ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ ދަނޑިވަޅެއްގައި އަދި ހާއްސަކޮށް، "ރައްޔިތުން ވަރަށް ދަތިހާލުގައި ވަނިކޮށް" އިދިކޮޅު ލީޑަރު ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލު ކުރެއްވުމަކީ ރައީސް ނަޝީދުގެ ޕޮލިސީ "އެންޑޯސް" ކުރެއްވުން ކަމަށާއި އެއީ ގައުމީ ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި ރައީސް ނަޝީދު އިދިކޮޅު ލީޑަރާ ބައްދަލު ކުރައްވައި އަދި އެ އަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ސިޔާސީ ގޮތުން އެކަން ކަމުގެ އެޑްވާންޓޭޖު ސަރުކާރުން ނަގާ ކަމަށާއި އެކަމުގެ ސަބަބުން، ރައްޔިތުންނަށް ހެޔޮވެރިކަމެއް ހޯދައި ދިނުމަށް 2013 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރަން މަސައްކަތް ކުރާ އިދިކޮޅު ފަރާތްތަކަށް މާޔޫސްކަން ގެނުވަ އެވެ.

ދަރުބާރުގޭގައި ބޮޑު ދަރުބާރެއް ބާއްވައި ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ހާމަކޮށް، ބޮޑު ކަންތައްގަނޑެއް ހިންގުމަށް ފަހު އިދިކޮޅު ލީޑަރާ ބައްދަލު ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިހުލާސްތެރިކަމާ އެކު ކުރެއްވި ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ. އަދި އެއީ އިދިކޮޅު ފަރާތްތައް ބޮޑަށް ބައިބައި ކުރެއްވުމަށް ރައީސުލްޖްމުހޫރިއްޔާ ކުރެއްވި ކަމެއް ކަމަށާއި އިދިކޮޅު ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ވެސް އެވަރު އެނގިޑައިގަންނަވަން ޖެހޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

ތަސްމީން ރައީސް ނަޝީދާ ބައްދަލު ކުރެއްވީ ކޯލިޝަން ޕާޓްނާ، ގައުމީ ޕާޓީއާ މަޝްވަރާ ކުރުމަށް ފަހުތޯ ދެންނެވުމުން އަމީން އެކަމަށް ސީދާ ޖަވާބެއް ނުދެއްވި އެވެ.

ރޭގެ ނޫސްކޮންފަރެންސުގައި ތަަސްމީން ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އިދިކޮޅު ލީޑަރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރެއްވުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި ތަކުރާރުކޮށް ތަސްމީން ވިދާޅުވަމުން އަންނަނީ ވެސް އެ ގޮތަށެވެ.

ތަސްމީން ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކުގައި ހުރި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ރޭ ރައީސް ނަޝީދާ ހިއްސާކުރެއްވި ކަމަށެވެ. އެގޮތުން ގިނަ ބަޔަކު ހިމެނޭ ގޮތަށް ބޮޑު އަދަދަކުން އާމްދަނީ އިން ޓެކްސް ނެގުމަކީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމާ ގުޅިގެން އެޕާޓީން ގެންގުޅޭ ހިޔާލުތައް ހިއްސާކޮށްފައިވާ ކަމުގައި ތަސްމީން ވިދާޅުވި އެވެ.

ތަސްމީނަށް ތައުރީފް ކުރައްވައި ރައީސް ރޭ ވިދާޅުވީ، ތަސްމީނުގެ ލީޑާޝިޕްގައި ރައްޔިތުންގެ ފައިދާ އަށް ގިނަ ކަންތައްތަކެއް ހިންގޭ ކަމަށާއި "ސަރުކާރު މިއަށް ވުރެ ބޮޑަށް ޒިންމާދާރުކުރެވުނު ދުވަހެއް އަޅުގަނޑެއްގެ ހިތަކު ނެތް" ކަމަށެވެ.