ޕްރެމިއާ ލީގުގެ ވާދަވެރިން ކަމަށްވާ އާސެނަލް ލިވަޕޫލް ރޭ ކުޅުނު މެޗް ލިވަޕޫލަށް ލިބުނު އިރު، ފަހަތުން އަރައި ޗެލްސީން ވެސްޓްބްރޮމްގެ މައްޗަށް ކުރި ހޯދައިފި އެވެ. އާސެނަލް ދަނޑުގައި ރޭކުޅުނު މެޗް ލިވަޕޫލް ކާމިޔާބުކުރީ 2-0 ނެވެ.

މި މެޗްގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިފައިވެ އެވެ. ނަމަވެސް ދެ ވަނަ ހާފު ފެށިތާ ގިނައިރުތަކެއް ނުވަނީސް އާސެނަލްގެ އެމަނުއެލް ފްރިންޕޮންގް އަށް ދެ ރީނދޫ ކާޑާއިއެކު ރަތް ކާޑެއް ދެއްކުމުގެ ސަބަބުން އެ ޓީމުން މެޗްގެ ބާކީ ވަގުތުކޮޅު 10 ކުޅުންތެރިންނާއިއެކު ކުޅެން ޖެހި، ލިވަޕޫލްއިން އޭގެ ފައިދާ ނަގާފައިވެ އެވެ.

މެންޗެސްޓާ ސިޓީއަށް ބަދަލުވުމާއި ގާތުގައިވާ އާސެނަލްގެ ސާމިރު ނަސްރީ މި މެޗްގައި މޮޅު ކުޅުމެއް ދައްކާފައިވީ ނަމަވެސް އޭނާ އުފެއްދި އެއްވެސް ހަމަލާއެއް ގޯލްގެ ތެރެއަށް ވަދެފައެއް ނުވެއެވެ. މެޗުގައި ނަސްރީ މޮޅު ކުޅުމެއް ދައްކާފައިވާކަމަށް އާސެނަލްގެ ކޯޗް ވެންގާ ވެސް ވަނީ ބުނެފަ އެވެ.

"އޭނާ މިއަދުގެ މެޗްގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. ކުރިމަގަށް އޭނާ ވިސްނާފައިވާ އެއްޗެއް ނޭނގޭ. އަހަރެން ނަސްރީ ބަހައްޓަން މަސައްކަތް ކުރާނަން. މިހާރު ވެސް މިދަނީ އެ މައްސައްކަތް ކުރަމުން. އޭނާއަކީ މޮޅު ކުޅުންތެރިއެއް."ވެންގާ ބުންޏެވެ.

މެޗްގެ 78 ވަނަ މިނެޓްގައި އާސެނަލްގެ އާރޮން ރަމްސީއަތުން ބައިކޮޅަށް ވަތް ލަނޑާއެކު ފަހު މިނެޓްގައި ލުއިސް ސުއާރޭސް ޖެހި ލަނޑުން ލިވަޕޫލްއަށް ކާމިޔާބު ލިބުނުކަން ކަށަވަރުވިއިރު އާސެނަލްއިން އެމީހުންގެ ފުރަތަމަ ބައްޔާއި ކުރިމަތިލާންޖެހުނެވެ.

ޗެލްސީގެ ޒުވާން ކޯޗް އެންދުރޭ ވިލަސް ބޮއަސްގެ ފުރަތަމަ މެޗު ޕޮއިންޓަކުން ފުއްދާލަންޖެހުނު ނަމަވެސް ރޭ ކުޅުނު މެޗުން ޗެލްސީވަނީ ފަހަތުން އަރާ ވެސްޓްބްރޮމްގެ މައްޗަށް 2-1 ލަނޑުން ކުރި ހޯދުމަށްފަހު ތިން ޕޮއިންޓް ހޯދާފަ އެވެ.

މި މެޗްގައި ޗެލްސީގެ ޑިފެންޑަރު އެލެކްސްއަށް ހެދުނު ގޯހަކުން ވެސްޓްބްރޮމްގެ ޝޭން ލޯންގް އެ ޓީމަށް ލީޑް ނަގައިދީފައި ވެއެވެ. މެޗްގެ ފުރަތަމަ ހާފް 1-0 ލަނޑުން ވެސްޓްބްރޮމް ކުރީގައި ވަނިކޮށް ދެވަނަ ހާފުގައި ޗެލްސީއިން މޮޅު ކުޅުމެއް ދައްކައި ކުރި ހޯދޭތޯ ވަރަށް މަސައްކަތް ކޮށްފައި ވެއެވެ. މެޗްގެ 53 ވަނަ މިނެޓްގައި ނިކޮލަސް އަނެލްކާ ޗެލްސީއަށް ހިތްވަރު ހޯދައިދިން އިރު ބޮސިންވާ ދިން ބޯޅައަކުން ފްލޮރެންޓް މަލޫޑާ ލަނޑު ޖަހައި ވަނީ ތިންޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ޕްރެމިއާ ލީގުގައި ރޭ ކުޅުނު މެޗްތަކުން އެންމެ ހައިރާންކުރަނިވި ނަތީޖާއެއް ފެނިގެންދިޔައީ އަލަށް ޕްރޮމޯޓުވި ކިޔްޕީއާރުއިން، އެވަޓަންގެ މައްޗަށް ކުރި ހޯދި މެޗެވެ. މި މެޗް ކިޔްޕީއާރުއިން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މެޗްގެ 31 ވަނަ މިނެޓްގައި އެވަޓަންގެ ފިލް ޖަގިއެލްކާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކިޔުޕީއާރުއަށް ޓޮމީ ސްމިތު ކުރި ހޯދައިދީފައިވެއެވެ.

ޕްރެމިއާ ލީގަށް އަލަށް ޕްރޮމޯޓުވި އަނެއް ކުލަބް ކަމަށްވާ ސުވަންސީ ވަނީ ވިގަން ހިފަހައްޓައި އެއް ޕޮއިންޓް ހޯދާފަ އެވެ. މިމެޗްގެ ތަރިއަކަށް ވެގެންދިޔަ ސުވަންސީގެ ކީޕަރު މައިކަލް ވޯންވަނީ ގިނަ ހަމަލާތަކެއް ދިފާޢުކޮށް ވިގަންއަށް ލިބުނު ޕެނަލްޓީ ވެސް ބޭކާރުކޮށްލާފަ އެވެ.

އެސްޓަންވިލާ ބްލެކްބާންގެ މައްޗަށް 3-1 ލަނޑުން ކުރިހޯދައި ތިން ޕޮއިންޓް ކަށަވަރުކުރިއިރު، ސަންޑަލޭންޑްގެ މައްޗަށް 1-0 ލަނޑުން ނިއުކާސަލް ވަނީ ކުރި ހޯދާފައެވެ.