14 Feb 2018, 15:50
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި ޓްވީޓަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވުމަށް އެދި ޗިޓް ފޮނުވައިފިއެވެ.
ފެބްރުއަރީ އެއް ވަނަ ދުވަހު ވެސް މަހްލޫފް ފުލުސް އޮފީހަށް ހާޒިރުވުމަށް އެދި ޗިޓް ވަނީ ފޮނުވާފައެވެ. އެ ފަހަރު މަހްލޫފަށް ޗިޓް ފޮނުވީ ފުލުހުންގެ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު ޑީމޯޓް ކުރުމާ ގުޅޭގޮތުން މިދިޔަ ޑިސެމްބަރު މަހު ކުރި ޓްވީޓެއްގައި މަހުލޫފު، ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށްބުނެއެވެ.
ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓް ޓެގްކޮށް މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު މަހުލޫފު ޓްވީޓެއް ކުރެއްވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާ ގުޅުވައިގެންނެވެ. އަދި ޖަމްޝީދުގެ ޑީމޯޝަން މަޑުޖައްސާލާފައި އޮތީ އޯޑިއޯއެއް އޭނާގެ އަތުގައި އޮތުމުން ކަމަށާއި އެހެންވެ އެކަން ސާފުކޮށްދިނުމަށް މަހުލޫފު ކުރެއްވި ޓްވީޓުގައި ބުނެފައިވެ އެވެ.
ނަމަވެސް މާދަމާ ތިނެއް ޖަހާއިރަށް މަހްލޫފް ފުލުސް އޮފީހަށް ހާޒިރުކުރަނީ ކޮން ޓްވީޓަކާ ގުޅިގެން ކަމެށް މި ފަހަރު ފޮނުވި ޗިޓްގައެއް ބުނެފައެއް ނުވެއެވެ. ޗިޓާ ގުޅިގެން މަހްލޫފް ވިދާޅުވީ ފުލުސް އޮފީހަށް ކެރިގެން ހާޒިރުވާނެ ކަމަށާއި ހައްޔަރުކޮށް ޖަލަށް ލިޔަސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން އަވަށްޓެރި ސްރީލަންކާގައި ހުންނެވުމަށްފަހު މަހުލޫފު ރާއްޖެ ވަޑައިގަތީ މިދިޔަ ޖެނުއަރީ މަހު 31 ވަނަ ދުވަހުއެވެ.