14 Feb 2018, 15:21
ކޮލަމްބޯ (14 ފެބްރުއަރީ): ލަންކާގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން އެ ގައުމުގެ ރައީސް މައިތިރިޕީލާ ސިރިސޭނާގެ ޕާޓީ، އެސްއެލްއެފްޕީ އެންމެ ފުލަށް ދިޔަ ނަމަވެސް އެ ޕާޓިއާ އެކު ކޯލިޝަންހަދާފައިވާ ޔޫއެންޕީ ޕާޓީން، ކޯލިޝަނާއިގެން ކުރިއަށް ދިޔުމަށް އެ ޕާޓީން ނިންމައިފި އެވެ.
ޔޫއެންޕީ ޕާޓީ އަކީ ލަންކާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގެ ޕާޓީއެވެ. ލަންކާގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސިރިސޭނާ އާއި ރަނިލްގެ ޕާޓީން ވާދަކުރީ ވެސް ވަކިވަކިންނެވެ.
ލަންކާގެ ރައިސްގެ އޮފީހުގައި ޔޫއެންޕީގެ މިނިސްޓަރުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ރަނިލް ވަނީ، ދައުރު ނިމެންދެން ކޯލިޝަން ސަރުކާރު ދަމަހައްޓަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން 2020 ވަނަ އަހަރާ ހަމައަށް ކޯލިޝަން ދެމިއޮންނާނެ ކަމަށް ރަނިލް ވިދާޅުވި އެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ އެހެން ޕާޓީތަކުން، ސަރުކާރާ ގުޅެން ބޭނުން ނަމަ އެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި ސަރުކާރަށް ބަދަލުތައް ގެނެސް ކުރިމަގު ކަނޑައެޅުމަށް ޕްރޮޕޯޒަލްތައް ތިން ދުވަހުގެ ތެރޭ ހުށަހެޅުމަށް ކޮމެޓީއެއް ވެސް ވަނީ އެކުލަވައިލައިފަ އެވެ.
އިންތިހާބުގައި ބޮޑު ނާކާމިޔާބެއް ސަރުކާރު ހިންގާ ޕާޓީއަށް ކުރިމަތިވުމުން، ރަނިލްގެ ޕާޓީ އަށް ނިސްބަތްވާ ޕާލިމަންޓް މެމްބަރުން ވަނީ އެެ ޕާޓީގެ މެމްބަރުން ހިމެނޭ ގޮތަށް ވަކިން ސަރުކާރެއް އެކުލަވާލުމަށް ގޮވާލައިފަ އެވެ.
ލަންކާގެ އިދިކޮޅު ލީޑަރު ވެސް މަހިންދަ ރާޖަޕަކްސާ ވެސް ވަނީ ސިރިސޭނާގެ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވައިލައިފަ އެވެ.
މަސްދަރު: ކޮލަމްބޯ ޕޭޖް