21 Aug 2011, 09:29
ޣައްޒާ (އޮގަސްޓް 20) : އިސްރާއީލުން ވޭތުވެދިޔަ 48 ގަޑީއިރު ތެރޭގައި ޣައްޒާއަށް ޙަމަލާދީ ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ ޢަދަދު 15 އަށް އަރައިފިއެވެ. ޣައްޒާގެ އެންބިއުލެންސާއި އިމަރޖެންސީ ޚިދްމަތްތަކާބެހޭ އެންމެ މަތީ ކޮމިޓީން ބުނިގޮތުގައި މިދިޔަ ހުކުރުވިލޭރެއިން ފެށިގެން މިއަދު ހެނދުނާ ހަމައަށް އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ޙަމަލާތަކުގައި 15 މީހަކު ޝަހީދުވެ 44 މީހަކު ޒަޚަމްވެފައިވެ އެވެ.
ޝަހީދުވި 15 މީހުންގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ. ޒަޚަމްވި 44 މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި 10 އަންހެނުންނާއި 3 މުސްކުޅިން ހިމެނެއެވެ. މީގެއިތުރުން ޣައްޒާގެ ރެސިސްޓެންސް ކޮމިޓީގެ ފިދާއީ ދެކޮމާންޑަރަކުވެސް އިސްރާއީލުގެ ހަމަލާތަކުގައިވަނީ ޝަހީދުވެފައެވެ. އިސްރާއީލުގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ އާންމުންގެ ގެދޮރަށާއި ސަރުކާރުގެ ޢިމާރާތްތަކަށް ކަމަށްވެސް މިކޮމިޓީން ބުނެ އެވެ.
އިސްރާއީލުގެ މިޢުދުވާންތަކާ ގުޅިގެން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާޢަތުންބުނީ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލާއެކު ނުސީދާގޮތެއްގައި ވެފައިވާ ދެއަހަރުވީ އެއްބަސްވުމަށް ދެން އިޙްތިރާމް ނުކުރާނެ ކަމަށާ އިސްރާއީލުގެ އަނިޔާވެރިކަމާއި އަޅުވެތިކަމާއި އިސްތިޢްމާރާ ދެކޮޅަށް ފިދާއީ ޙަމަލާތައް ނުދީ މަޑުން ނުތިބޭނެ ކަމުގައެވެ.
ޙަމާސްގެ ތަރްޖަމާނެއް ކަމަށްވާ އިސްމާޢީލް ރިޟްވާން ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކުން ނުފާބާހިނދަކު އިސްރާއީލުގެ ކޮންމެ ތަނަކަށް ވެސް ޙަމަލާ ދިނުމުގެ ޙައްޤު ފަލަސްތީނުގެ ފިދާއީ ޖަމާއަތްތަކަށް ލިބިގެންވާ ކަމުގައެވެ. އަދި އިސްރާއީލަށް ޙަމަލާތައް ދިނުން ހުއްޓާލައިގެން ތިބުމަކީ ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އުޅުމުގެ ފުރްސަތު އިސްރާއީލަށް ދިނުން ކަމަށާއި ފަލަސްތީނުގެ ބިންތަކުން ނުފާބާހިނދަކު އަމާންކަމުގައި އޮތުމުގެ އިސްރާއީލަށް ލިބިގެންނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމަށްވާ އިސްލާމިކް ޖިހާދު ޖަމާޢަތުންވަނީ އިއްޔެއާއި މިއަދު އިސްރާއީލުގެ 16 ސަރަޙައްދަކަށް ރޮކެޓް ޙަމަލާތައް ދީފައެވެ. އަނެއްކޮޅުން އިސްރާއީލުން ފަލަސްތީނު ހިފައިގެން އޮންނައޮތުމާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވުމަށް ފަލަސްތީނުންވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލާފަ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ޢާންމުން މަރައި މަދަނީ ތަންތަނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމުގެ ޒިންމާ ސަލާމަތީ މަޖިލީހުން އުފުލާންޖެހޭނެ ކަމަށް ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވިއެވެ. ފަލަސްތީނުގެ ރައީސް މަހްމޫދް ޢައްބާސް ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި ޢުދުވާން ހުއްޓުވުމަށް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް ގޮވާލައްވާފަ އެވެ.
އިސްރާއީލުގެ ދެކުނުގެ ރަށެއް ކަމަށްވާ އީލާތުގައި ހަތިޔާރުއެޅި ބަޔަކު އިއްޔެ ދިން ޙަމަލާތަކެއްގައި އިސްރާއީލުގެ ސިފައިންނާއި ޢާންމުންގެ 7 މީހަކު މަރުވި މައްސަލައގެ ޒިންމާ އިސްރާއީލުން ވަނީ ޙަމާސް ޖަމާޢަތުގެ ބޮލުގައި އަޅުވާފައެވެ. ނަމަވެސް ޙަމާސްއިންވަނީ އެކަން ދޮގުކޮށްފަ އެވެ.
އީލާތުގެ ޙަމަލާތަކުގެ ޒިންމާ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ އެއްވެސް ޖަމާޢަތަކުން އުފުލާފައެއްނުވެއެވެ. މިޙަމަލާތަކާ ގުޅިގެން އިސްރާއީލު ހިންގި ޢުދުވާނެއްގައި އިސްރާއީލުންވަނީ މިސްރު ސިފައިންގެ ދެމީހުން މަރާލާފައެވެ. މިމައްސަލާގައި މިސްރުންވަނީ އިސްރާއީލަށް އިންޒާރުކޮށްފައެވެ. އަދި ޤާހިރާގައި މިސްރުގެ އެތަށް ހާސްބަޔަކުވަނީ އިސްރާއީލާ ދެކޮޅަށް ބަދަލު ހިފުމަށް ގޮވާލާ މުޒާހަރާތައް ކޮށްފައެވެ. (އަލްޖަޒީރާ)