14 Feb 2018, 10:29
ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަހުމަދު އަރީފުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
އަރީފުގެ ޕާސްޕޯޓު ހިފެހެއްޓިކަން 'ސަން' އަށް ވަނީ ކަށަވަރު ވެފަ އެވެ. ނަމަވެސް ޕާސްޕޯޓު ހިފެހެއްޓި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އިމިގްރޭޝަނަށް ގުޅުމުން ބުނީ އެފަދަ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ. އެހެން ނަމަވެސް އިމިގްރޭޝަނުން އެކަން ދޮގުކޮށްފައެއް ނުވެ އެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުން އަރީފު ވަކި ކުރެއްވީ މިމަހުގެ ދެވަނަ ދުވަހު އެވެ. ވަކި ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ގުޅުއްވުމުން ފޯނު ނުނަންގަވާތީ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ.
ސީޕީ ކަމުން އަރީފު ވަކިކުރައްވާފައި ވަނީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު އަރީފާ ބައްދަލު ކުރެއްވި ކަމަށް މީޑިއާގައި ވިދާޅުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
އަދި އަރީފު ސީޕީއަކަށް ހުންނަވައިގެން ސުޕްރީމް ކޯޓުން ކުށްވެރިން ދޫކޮށްލަން ކުރި އަމުރު ތަންފީޒު ކުރުމުގެ ގޮތުން ބައެއް ކުށްވެރިން ދޫނިދޫން މާލެ ގެނައުމަށް ލޯންޗަށް އެރުވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.