14 Feb 2018, 09:21
އޭއެފްސީ ކަޕުގެ ޕްލޭއޮފް ފުރަތަމަ ލެގު އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ޓީސީ ސްޕޯޓްސް ކްލަބުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި ނަމަވެސް ދެވަނަ ލެގަށް ނުކުންނަ އިރު ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ޓީސީ އާއި ބެންގަލޫރު އެފްސީ ވާދަކުރި މެޗުން ޓީސީ ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ.
"ވަރަށް ރަނގަޅަށް ޓީމު ކުޅެފި. އެހެން ނަމަވެސް އެންމެ ބޮޑަށް ކިޔައިދިން، އެންމެ ބޮޑަށް ސަލާމުވާން ބުނި ކަންކަމުން ގޯސް ހެދިގެން ފުރަތަމަ ގޯލް ވެސް ބެންގަލޫރުން ޖެހީ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ބެންގަލޫރުގެ ފުރަތަމަ ދެ ގޯލް ވެސް ޖެހި ހައޮކިޕް ތަންގްކޮސިއެމް މާކު ކުރަން ވަރަށް ބޮޑަށް ހަނދާންކޮށްދިން ކަމަށާއި އޭނާ ދޫކޮށްލުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
"ކޯނަރުތަކުގައި ވެސް މާކު ކުރަން ބުނި އެންމެ މުހިއްމު ކުޅުންތެރިޔާ ދޫކޮށްލިތަން ފެނުނު. ދެން އެންމެ ބޮޑު ކަމަކަށް ބެންގަލޫރު އެފްސީ ފެންވަރުގެ ޓީމަކާ އެކު ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްވެ ނިންމާނުލެވިގެން ދިޔައީ،" ނިޒާމްބެ ފާހަގަކުރި އެވެ.
އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރި ފުރަތަމަ ލެގު މެޗުގައި ޓީސީން ނެރުނު ފުރަތަމަ 11 ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނިޒާމްބެ އިތުރަށް ބުނީ ލިބުނު ފުރުސަތުތަކުގެ ބޭނުންކުރެވުނު ނަމަ ނަތީޖާގެ ތަފާތު ބޮޑުކޮށްލެވުނީސް ކަމަށެވެ. އެހެން ނަމަވެސް ނަސީބު ދެރަވި ކަމަށް ނުބުނާނެ ކަމަށާއި ދެވަނަ ލެގަށް ނުކުތުމަށް ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ވެސް ނިޒާމްބެ ބުންޏެވެ.
"ލިބުނު ފުރުސަތުތައް ނިންމާލެވުނު ނަމަ ފަސް ހަ ގޯލް ވެސް ޓީސީއަށް ޖެހުނީސް، ނަތީޖާ މިހެން ނުކުތީމަ އާއްމުކޮށް ބުނާނީ ނަސީބު ދެރައީއޭ. އެކަމަކު ގަބޫލުކުރާނީ ރަނގަޅު ކުރަން ހުރި ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް،" ނިޒާމްބެ ބުންޏެވެ.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރި މެޗުގައި ޓީސީއަށް ނަތީޖާ ހަމަހަމަކޮށްދިން ފޭދޫ އިއްބެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރޭގެ މެޗުގައި ބެންގަލޫރު އެފްސީން ދެ ގޯލް ޖަހައި ލީޑު ނެގި ނަމަވެސް ޓީސީން ވަނީ ފަހަތުންއަރާ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެހެން ނަމަވެސް ޓީސީގެ ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައި ބެންގަލޫރުން ވަނީ ރަށުން ބޭރުގައި މުހިއްމު މޮޅެއް ހޯދައިފަ އެވެ.
ބެންގަލޫރު އެފްސީ އާއި ޓީސީ ވާދަކުރާ ދެވަނަ ލެގު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު އިންޑިއާގަ އެވެ.