ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ(ގެ ގަވަރުނަރުގެ މަގާމުން ފަޒީލް ނަޖީބު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް މަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލަ އަނބުރާ ގެންނަވަން ބޭނުންވާކަން ބަޔާންކުރައްވައި، މާދަމާ މަޖިލީހުގެ ރައީސަށް ސިޓީ ފޮނުއްވާނެ ކަމަށެވެ.

އަދި ފަޒީލުގެ މައްޗަށް އިތުބާރު ނެތް ކަމަށް ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ ތަޅުމަށް ނުގެންގޮސް، އަނބުރާ ގެންދަން ނިންމެވީ ރާއްޖެ އަށް އިގުތިސާދީ އަދި މާލީ ބޮޑެތި ބަދަލުތަކެއް ގެންނަ މިފަދަ ދަނޑިވަޅެއްގައި "ފަޒީލް ނަޖީބުގެ ތަޖުރިބާ އާއި މަސައްކަތްތައް ވެސް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެ"ތީ ކަމަށެވެ.

ރައީސް ނަޝީދު ގަވަރުނަރުގެ މައްސަލަ އަނބުރާ ގެންދަވަން ނިންމާފައި މިވަނީ، އެ މައްސަލަ ބެއްލެވި މަޖިލީހުގެ ސަބް ކޮމިޓީން ފަޒީލްގެ މައްސަލައެއް ނެތް ކަމަށް ނިންމާފައި ވަނިކޮށެވެ. އަދި އޭނާއާ މެދު ސަރުކާރުން ކޮށްފައިވާ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ވެސް އެކޮމިޓީން ބުނެފައިވެ އެވެ.

ނަމަވެސް، ކޮމިޓީ މަރުހަލާގައިވާ ނިންމުމެއް އެގޮތަށް އަނބުރާ ނުގެންދެވޭނެ ކަމަށް މަޖިލީހުން ކުރިން ނިންމާފައިވާތީ، ގަވަރުނަރުގެ މައްސަލަ ތަޅުމަށް ނުގޮސް، އަނބުރާ ގެންދެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް ފަޒީލް ނަޖީބު އައްޔަން ކުރެއްވީ އޮކްޓޯބަރު 22، 2008 ގަ އެވެ. އޭނާ އެމަގާމުން ވަކިކުރުމުގެ މައްސަލަ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކެވެ.

މޫސަ ވިދާޅުވެފައިވަނީ، ގަވަރުނަރަކަށް ހުންނަ ބޭފުޅަކީ އިތުރު ވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކޮށް ހަމައެކަނި އޮތޯރިޓީގެ މަސައްކަތަށް ހާއްސަވެގެން ހުންނަ ބޭފުޅަކަށް ވުމަށް އެމްއެމްއޭގެ ގާނޫނު ލާޒިމް ކުރާ ނަމަވެސް ފަޒީލް ނަޖީބު އިނގިރޭސިވިލާތުގައި ކިޔަވާ ވިދާޅުމުން ގެންދަވާތީ، ގިނަ ވަގުތު ހޭދަކުރައްވަނީ ރާއްޖެ އިން ބޭރުގައިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެމްއެމްއޭ ބޯޑުގެ ޗެއާމަންގެ ހައިސިއްޔަތުން ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ އިރު އެކަން އެގޮތަށް ނުކުރައްވާ ކަމަށް ވެސް މޫސަ ވިދާޅުވެފައިވެ އެވެ. އަދި ސަރުކާރަށް ދޭން ޖެހޭ ލަފަ އާއި އިރުޝާދު، ފަޒީލު ނަޖީބުގެ ފަރާތުން ލިބެމުން ނުދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.