21 Aug 2011, 00:38
ރާއްޖޭގެ މަޝްހޫރު މަހުޖަނުން ކަމުގައިވާ، ބަނޑޮސްް އައިލެންޑްގެ ރިސޯޓްގެ ވެރިޔާ މުހައްމަދު ވަހީދުއްދީން )ޑީން( އަދި ޔުނިވަސާލް އެންޓާޕްރައިސަސްގެ ޗެއާމަން ކޮލިގޭ މުހައްމަދު އުމަރު މަނިކު ފަދަ ބޭފުޅުންނަށް ނުފޫޒު ފޯރުވަން ސަރުކާރުން އެއްގޮތަކަށް ވެސް ބޭނުން ނުވާ ކަމަށާއި އެބާވަތުގެ އެއްވެސް ކަމެއް އެއްވެސް ސަރުކާރަކުން ކޮށްފި ނަމަ، ރާއްޖޭގެ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ބުރޫ އަރައިގެން ހިނގައިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
~
ރައީސް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު މިރޭ ވިދާޅުވީ، ޑީން އަދި ކޮލި މުހައްމަދު މަނިކަކީ އެފަދަ އެއްވެސް ނުފޫޒަކަށް "ގުޑާނެ" ބޭފުޅުންނެއް ނޫން ކަމަށާއި އަދި އެކަހަލަ އެއްވެސް ކަމެއް ކުރަން ސަރުކާރުން ކުޑަކޮށް ވެސް ބޭނުން ނުވާ ކަމަށެވެ.
"އައްނަބީލު މުހައްމަދު ވަހީދުއްދީނަށް ނުވަތަ ކޮލިގޭ މުހައްމަދު އުމަރު މަނިކަކަށް ނުފޫޒު ފޯރުވާކަށް އަޅުގަނޑުމެންނަކަށް އެއްގޮތަކަށް ވެސް، މި ސަރުކާރުން ކުޑަކޮށްވެސް ބޭނުންވާނެ ކަމެއް ނޫން. ރާއްޖޭގެ ތަރައްގީ އަށް ވެސް އަދި ރާއްޖޭގެ ކުރިއެރުމަށް ވެސް، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމަށް ވެސް ވަރަށް ބޮޑު ބުރޫއަކަށް ވާނެ އެބާވަތުގެ އެއްވެސް ކަމެއް އެއްވެސް ސަރުކާރަކުން ކޮށްފިއްޔާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި އެބޭފުޅުންނަކީ އެމަނިކުފާނު މާކުރިއްސުރެ ދެނެވަޑައިގަންނަވާ ބޭފުޅުން ކަމަށާއި އެބޭފުޅުންގެ ޝަހުސިއްޔަތާއި އަދި މާޒީއަށް ބަލައިލުމުން ވެސް "އެބޭފުޅުންނަކީ ވެސް ގުޑާނެ ބޭފުޅުންނެއް ނޫން" ކަން ރަނގަޅަށް އެނގޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި އެ މަހުޖަނުންނަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ ވިސްނުމަކީ "މުޅި ދިވެހި މުޖުތަމައުއަށް ބުނެވޭ ކުޑައިމީސް ބަހެއް"ގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރެއްވި އެވެ.
"އަޅުގަނޑުމެންނަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވަން ބޭނުންވާ ބައެއް ނޫން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސަތަކީ ސެންޓާ ރައިޓް ސިޔާސަތު. އެއީ ވިޔަފާރިއާ ރައްޓެހި ސިޔާސަތު." ރައީސް ވިދާޅުވި އެވެ.
ސަރުކާރާއި މަޝްހޫރު ވިޔަފާރިވެރިންނާ ގުޅުވައިގެން މީޑިއާތަކުގައި އެކި އަޑުތައް ފެތުރެމުންދަނީ، ސަރުކާރުގެ އިގުތިސާދީ އިސްލާހުތަކުގެ އިފްތިތާހީ ދަރުބާރުގައި ބައެއް ރިސޯޓްތައް ހިންގަވާ، ބޮޑެތި ވިޔަފާރިވެރިން ސަރުކާރުގެ އިގުތިސާދީ ބަދަލުތަކަށް ތާއީދުކޮށް، ވާހަކަފުޅު ދެއްކެވުމުންނެވެ. ނަމަވެސް، އެ ދަރުބާރު ބޭއްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ ވިޔަފާރިވެރިން ހިމެނޭ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް އިންޑަސްޓްރީ )މަޓީ( އިން ވަނީ ސަރުކާރުގެ ޓެކްސް ރިފޯމްތަކަށް ފާޑުކިޔައިފަ އެވެ.
ކުއްލި ގޮތަކަށް މަޓީގެ ސްޓޭންޑް ބަދަލުވެގެން ދިޔައީ، ސަރުކާރާ އެކު ބޭއްވި މަޝްވަރާތަކުގައި ޓެކްސްގެ ބިލުތަކަށް ވިޔަފާރިވެރިން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ސަރުކާރުން އެއްބަސްވުމުން ކަމަށްވެ އެވެ.
ރައީސް މިރޭ ވިދާޅުވި ގޮތުގައި، މަޓީން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރެއިން ސަރުކާރުން ދެވަނަ ވިސްނުމަކަށް ގޮސް، 12 ކަމެއް އިސްލާހުކުރަން އެއްބަސްވި އެވެ.