25 May 2010, 10:57
14:30
މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2010 ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު ހުޅުއްވައިދެއްވައިފި އެވެ.
މި މުބާރާތް ހުޅުއްވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި މުބާރާތް ރާއްޖޭގައި ބޭއްވޭ ކަމަށްޓަކައި ވަރަށް އުފާފުޅުކުރައްވާ ކަމަށާއި، އަދި މުބާރާތުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.
މާލޭ ކުޅިވަރު އެކުވެނީގައި މި މަހުގެ 25 ން 29 އަށް އޮންނަ މި މުބާރާތަކީ، ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތެވެ. މިމުބާރާތް ހިނގަމުންދާނީ ފަސް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ، މެންސް ސިންގަލްސް، ވިމެންސް ސިންގަލްސް، މެންސް ޑަބަލްސް، ވިމެންސް ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އެވެ. މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތުގައި ދުނިޔޭގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިންގެ އިތުރުން، ރާއްޖޭގެ ކުޅުންތެރިންވެސް ބައިވެރިވެ އެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2010 ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އޮތް މުބާރާތްގެ ފުރަތަމަ މެޗް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ.