20 Aug 2011, 00:38
ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިރޭ ބައްދަލުކުރައްވައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިގުތިސާދީ ބިލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިރޭ 9:00 ޖަހާއެހާކަންހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެވެ. އެ ބައްދަލުވުމަށްފަހު ނުކުމެވަޑައިގެން ތަސްމީން ވަނީ ނޫސްވެރިންނާ ވާހަކަދައްކަވައިފަ އެވެ.
ތަސްމީން ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކުގައި ހުރި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ރައީސް ނަޝީދާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އެގޮތުން ގިނަ ބަޔަކު ހިމެނޭ ގޮތަށް ބޮޑު އަދަދަކުން އާމްދަނީ އިން ޓެކްސް ނެގުމަކީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމާ ގުޅިގެން އެޕާޓީން ގެންގުޅޭ ހިޔާލުތައް ހިއްސާކޮށްފައިވާ ކަމުގައި ތަސްމީން ވިދާޅުވި އެވެ.
އަދި ސުނާމީއަށް ފަހު ދައުލަތުގެ ހަރަދުތައް އެތައް ގުނައަކުން ބޮޑުވެގެން ދިޔަ އިރު އޭގެ ފަހުން އެ ހަރަދުތައް ކުޑަވެގެން ގޮސްފައިނުވާއިރު، 2013 ވަނަ އަހަރު ސަރުކާރުގެ ހަރަދުތައް އިތުރަށް ބޮޑުވާނެ ކަމަށް ހިސާބުތަކުން ދައްކާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އެގޮތުން ދައުލަތުގެ ބަޖެޓު 13 ބިލިއަނަށް ވުރެ މައްޗަށް ދިއުމަކީ މައްސަލައެއް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
އަދި ވީހާވެސް ދެފުށްފެންނަ ގޮތަކަށް ސަރުކާރުގެ ހަރަދުތަށް ގެންގުޅުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.
ތަސްމީން ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ އިގުތިސާދީ ބިލުތަކަށް ތާއީދު ކުރާނެތޯ ނޫންތޯ ނިންމާނީ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ. ނަމަވެސް، އޭގެ ތެރޭގައި މުހިންމު ބިލުތަކެއް ހިމެނޭ ކަމަށާއި އަދި އެކަންކަމަށް ޑީއާރްޕީން ވެސް މަރުހަބާ ކިޔާ ކަމުގައި ވިދާޅުވި އެވެ.
އަދި ޕާލިމެންޓްރީ ގްރޫޕުން މަޝްވަރާކުރުމަށްފަހު، ބިލުތަކަށް ގެންނަން ފެންނަ އިސްލާހުތައް ހުށަހަޅާނެ ކަމަށާއި އެޕާޓީން ކަންބޮޑުވާ ކަންކަމަށް މަޖިލިސް ތެރެއިން ހައްލު ހޯދަން ވެސް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ތަސްމީނުގެ ލީޑާޝިޕަށް ތާއީދު ނުކުރާ، ޒެޑް ފެކްޝަންގައި ހިމެނޭ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާ މަޝްވަރާކުރައްވާނެތޯ ސުވާލު ދެންނެވެމުން ތަސްމީން ވިދާޅުވީ، ޕާލިމެންޓްރީ ގްރޫޕްގެ ހުރިހާ ޖަލްސާއެއް ބާއްވަނީ ކޮންމެ މެމްބަރަކަށް ވެސް ބައިވެރިވެވަޑައިގެންނެވޭ ގޮތަށް ކަމަށާއި އަދި އަބަދުވެސް އަމަލުކުރަމުންދަނީ އެ ގްރޫޕްގެ އަޣުލަބިއްޔަތުން ނިންމައި ގޮތަކަށް ކަމަށެވެ.
އެ ބައްދަލުވުމަށްފަހު ރައީސް ނަޝީދު ނޫސްވެރިންނާ ވަކިން ބައްދަލުކުރައްވައި ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް 13 ބިލިއަނަށް ވުރެ ބޮޑުވެގެން ދިޔުމާ ގޮތުން ތަސްމީން ފާހަގަކުރެއްވި ކަންބޮޑުވުންތައް ގަބޫލުކުރެވޭ ކަމަށާއި ފަންނީ ބޭފުޅުންގެ ހިޔާލު ހޯދައިގެން އެކަމަށް ގެނެވެން އޮތް ބަދަލެއް ގެންނާނެ ކަމަށެވެ.
އަދި ސަރުކާރުގެ ހަރަދުތައް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރުމަށް އެދިވަޑައިގެންފައިވާތީ، ކުރިއަށް އޮތް ތަނުގައި އެކަން ކުރިއަށް ވުރެ ބޮޑަށް ފުރިހަމަކުރާނެ ކަމުގައި ޔަގީން ކަން ދެއްވާފައިވާ ކަމަށެވެ. އަދި ދަށު ބްރެކެޓްތަކުގައި ހުރި އާމްދަނީން ނެގޭ ޓެކްސް ކުޑަކުރުމަށް ސަރުކާރުން ވެސް ވިސްނާ ކަމަށާއި އެކަމާ އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ތަސްމީނަށް ތައުރީފް ކުރައްވައި ރައީސް ވިދާޅުވީ، އަދި ތަސްމީނުގެ ލީޑާޝިޕްގައި ރައްޔިތުންގެ ފައިދާ އަށް ގިނަ ކަންތައްތަކެއް ހިންގޭ ކަމަށާއި "ސަރުކާރު މިއަށް ވުރެ ބޮޑަށް ޒިންމާދާރުކުރެވުނު ދުވަހެއް އަޅުގަނޑެއްގެ ހިތަކު ނެތް" ކަމަށެވެ.
"އަޅުގަނޑުމެނެއް ނުގުޑާ އެހެން ކަންކަމަކަށް. މުޒާހަރާއަކަށް. ނުވަތަ އެހެންވެސް ބާރަށް އަންނަ ކަމަކަށް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންވެސް އައިސްތިބީ ކޮންތަނަކުން ކަން. މަޝްވަރާގެ މޭޒަކީ އަޅުގަނޑުމެން މާ ޝައުގުވެރިކަމާއެކު ބަލައިގަންނަ މޭޒެއް،" ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނުވަތަ މަސައްކަތެއް ހުއްޓަވާ ނުލައްވާނެ ކަމުގެ ޔަގީން ތަސްމީން ދެއްވާފައިވާތީ، ތާވަލްގައިވާ ގޮތަށް މަޖިލީހުން ބިލުތައް ފާސްވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދަޅުވި އެވެ.