13 Feb 2018, 08:46
އިނގިރޭސި ޕްރިމިއާލީގުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީން ހަމަޖެހިލައިފިއެވެ.
ރޭގެ މެޗަށް ނުކުތުމުގެ ކުރިން، އެންމެފަހުން ލީގުގައި ކުޅުނު ދެ މެޗުންވެސް ޗެލްސީ އޮތީ ބަލިވެފައެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ރޭ ޗެލްސީ ކުޅުނު މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ސީޒަންގައި ޗެލްސީއާ ގުޅުނު އޮލިވިއާ ޖިރޫ ޗެލްސީގެ ފުރަތަމަ 11 އިން ފުރަތަމަ ފަހަރަށް ފެނިފައިވާއިރު، ރޭގެ މެޗުގެ ފުރަތަމަ ގޯލަށް އެސިސްޓްކޮށްދިނީ އޭނާއެވެ.
މެޗުގެ ކުރީ ކޮޅުގައި ވެސްޓް ބްރޮމްއިން ޗެލްސީއަށް ނުރައްކާކުރި ނަމަވެސް 25 ވަނަ މިނެޓުގައި އެޑިން ހަޒާޑްވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ.

ރޭގެ މެޗުގައި ހަޒާޑް ބޯޅައާއެކު ކުރިއަށްދަނީ --- ފޮޓޯ/ ޢެޕީ
ޗެލްސީގެ ގޯލަށްފަހު އެޓީމުން އިތުރު ހަމަލާތައްވެސް ވަނީ އުފައްދާފައެވެ. ޖިރޫ ފޮނުވާލި ދެ ހަމަލާއެއްގެ އިތުރުން ޑިފެންޑަރު ޒަޕަކޯސްޓާގެ ހަމަލާވެސް މަތަކުރީ ވެސްޓް ބްރޮމްގެ ކީޕަރު ބެން ފޯސްޓާއެވެ.
ފުރަތަމަ ހާފްގައި ވެސްޓް ބްރޮމްއަށްވެސްވަނީ ރަނގަޅު ފުރުސަތުތަކެއް ފަހިވެފައެވެ. އެގޮތުން ޖޭ ރޮޑްރިގޭޒްއާއި ސަލަމޮން ރެންޑޮން އަދި ޖޯނީ އެވަންސްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.
ފުރަތަމަ ހާފް 1-0 އިން ޗެލްސީ ކުރީގައި އޮވެ ނިންމާލިއިރު، ޗެލްސީންވަނީ ދެވަނަ ހާފްގައި ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ.
އެ ހާފްގައި ޗެލްސީގެ ކުރިއަށް ކުޅެމުންދިޔަ ޖިރޫގެ ބަދަލުގައި އަލްވާރޯ މޮރާޓާވެސްވަނީ ކުޅެން ނުކުމެފައެވެ. މިއީ ބުރަކަށީގެ އަނިޔާއަށްފަހު މޮރާޓާ ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުގެ ދެ ގޯލް ޖެހި ހަޒާޑާއެކު ޗެލްސީ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
މެޗުގެ 63 ވަނަ މިނެޓުގައި ވިކްޓާ މޮސަސް ޖެހި ގޯލާއެކު ޗެލްސީން ލީޑު ފުޅާކުރިއިރު، 71 ވަނަ މިނެޓުގައި ހަޒާޑްވަނީ އޭނާގެ ދެވަނަ ގޯލާއެކު ނަތީޖާ 3-1 އަކަށް ބަދަލުކޮށްލައިފައެވެ.
ރޭގެ މެޗުން މޮޅުވެ ޗެލްސީވަނީ ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ. އެ ކްލަބުން ލީގުގައި ކުޅުނު 27 މެޗުން 53 ޕޮއިންޓް ހޯދާފައިވާއިރު ފަސްވަނައިގައި އޮތް ޓޮޓެންހަމްއަށް 27 މެޗުން ލިބެނީ 52 ޕޮއިންޓެވެ.