އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން ޕްލޭއޮފްގެ ފުރަތަމަ ލެގުގައި އިންޑިއާގެ ވަރުގަދަ ބެންގަލޫރު އެފްސީއާ ދެކޮޅަށް މިރޭ ނުކުންނައިރު، ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ޖެހިލުން ނުވާ ކަމަށް ޓީސީގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ބުނެފިއެވެ.

މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ފައްރަ ބުނީ ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެކަމަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދިން ނަމަވެސް ޓީސީގެ އެއްވެސް ކުޅުންތެރިޔަކު ޖެހިލުން ނުވާ ކަމަށެވެ.

"ޓީމުގެ ފެންވަރަށް ބަލާއިރު ޓީސީ ނުކުންނާނީ ބެންގަލޫރު އެފްސީއަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދީގެން. މޮޅުވާން ނުކުންނާނީ. އެއްވެސް ވަރަކަށް ޖެހިލުމެއް ނުވޭ ކުޅުންތެރިން. އިދިކޮޅު ޓީމުންވެސް، އަމިއްލަ ޓީމުންވެސް ދަނޑު މައްޗަށް ނެރޭނީ ހަމަ 11 ކުޅުންތެރިން،" ފައްރަ ބުންޏެވެ.

މިރޭގެ މެޗުގެ ކުރިން ޓީސީން ކުރި ފައިނަލް ފަރިތަކުރުންތަކުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފައްރަ ބުނީ ބެންގަލޫރު އެފްސީއަކީ ސަރަހައްދީ ގަދަ ބާރެއް ކަމަށާއި، ބޭނުންވަނީ ހޯމް މެޗު ހޯމް މެޗެއްގެ އިހުސާސުގައި ކުޅެލުން ކަމަށެވެ.

"މި ނުކުންނަނީ މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް، ހޯމްގައި ނެގޭނެ ފައިދާއެއް މި މެޗުގައި ނަގަން ޖެހޭނެ. ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި،" ފައްރަ ބުންޏެވެ.

އިންޑިއާއަކީ އަބަދުވެސް ފުޓުބޯޅައިގައި ރާއްޖެއާއި އެންމެ ވާދަވެރި ގައުމެވެ. އިންޑިއާގެ ޓީމަކާ ދެކޮޅަށް މިރޭ ރާއްޖޭގެ ޓީމެއް ނުކުންނައިރު، ކެޕްޓަން ފައްރަ ބުނެފައިވަނީ ގައުމީ ކަމެއް ކަމަށް ބަލައި ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް އެދޭ ކަމަށެވެ.

މިރޭގެ މެޗުގެ ކުރިން ޓީސީން ކުރި ފައިނަލް ފަރިތަކުރުންތަކުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފައްރަ ބުނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެލުމަކީ ޓީސީއަށް، ވަކިން ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ލިބޭނެ ވަރަށް މުހިއްމު ތަޖުރިބާއެއް ކަމަށެވެ.

"ޓީސީ އަކީ މި ލެވެލްގެ ފުޓުބޯޅައަށް ވަރަށް ޅަ ޓީމެއް. ކުޅުންތެރިންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ، ސަރަހައްދުގެ އެލީޓް ޓީމުތަކާ ދެކޮޅަށް ކުޅެލަން ލިބުނީމަ. މިއީ ޒުވާން ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް،" ފައްރަ ބުންޏެވެ.

ފައްރަ ބުނީ ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީއާއި މުހިއްމު ބައެއް ކުޅުންތެރިން ނުލާ އެޓީމު ނުކުތަސް އެއީ އެއްވެސް ހާލެއްގައި ބަލި ނުވަތަ އެވަރެޖް ޓީމަކަށް ނުވާނެ ކަމަށެވެ.

"ޓީސީ ކުޅުންތެރިންނަށް އެނގޭ އެމީހުންގެ ކުޅުންތެރިންތަކެއް ނާންނަކަންވެސް. އެމީހުންގެ ޝެޑިއުލް ވަރަށް ބުރަކޮށް އޮތީމަ ކަންނޭނގެ. އެކަމަކު ބެންގަލޫރު އެފްސީ ފަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު އެވަރެޖް ކުޅުންތެރިޔަކާ ކުރިމަތިލާކަށް ނުޖެހޭނެ، އެންމެ މުހިއްމު ކުޅުންތެރިން ނެތަސް. އެ ލެވެލްގެ ޓީމުތަކުގައި ތިބޭނީ ހުސް މޮޅެތި ކުޅުންތެރިން. ކޯޗުންނާ ޓީމުގެ ސީނިއާ ކުޅުންތެރިންވެސް މޯޓިވޭޓް ކޮށްފައި ތިބޭނީ މެޗު ފަސޭހަ ނުވާނެ ކަމަށް. މެޗު ނަގާނީ ވަރަށް ސީރިއަސްކޮށް،" ފައްރަ ބުންޏެވެ.

މިރޭގެ މެޗުގެ ކުރިން ޓީސީން ކުރި ފައިނަލް ފަރިތަކުރުންތަކުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓީސީއާއި ބެންގަލޫރު އެފްސީ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.