12 Feb 2018, 23:10
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 7،000 ހައުސިން ޔުނިޓްގެ ތެރެއިން ސިވިލްސާވިސްގެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ 1000 ފްލެޓަށް ދެހާހަށް ވުރެ ގިނަ މުވައްޒަފުން ކުރިމަތިލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ފްލެޓް ތަކަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު ޖުމުލަ 16 އޮފީހަކުން 2161 މުވައްޒަފަކު ކުރިމަތިލާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
މިނިސްޓަރު ވިދާޅުވީ "ބަޣާވާތް ކުރިޔަސް ރައީސް ޔާމީން ރައްޔިތުންނަށް ގެންނަވާ ތަރައްގީދާނީ ކުރިއަށް" ކަމަށެވެ.
RaeesYameen civil service muazzafunnah hulhuvaalevvi 1000 social housing units ge furusathu ge muhdhathu hamavi iru:form hushahelhee 16 ofeehakun 2161 muazzafun.
Baghaawai kuran ulhunas,Raees Yameen rayyithunnah vevadaigennevi vaudhu thah fuhdhevvun huttumehnethi dhanee kuriyah.— Dr.Mohamed Muizzu (@MMuizzu)February 12, 2018
ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން މާލޭ ސަރަހައްދުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ގެދޮރުވެރިކަން ހޯދައި ދިނުމަށް ނިންމަވާފައިވާ ކަމަށް މީގެ ކުރިން ޑރ. މުއިއްޒުވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ، 1000 ހައުސިން ފްލެޓް ބެހިގެންދާނީ ޖުމްލަ ގޮތެއްގައި ތިން ކެޓަގަރީ އަކަށް ކަމަށެވެ. އެގޮތުން އެންމެ މަތީ ރޭންކުގެ ސިވިލް ސާވިސް މުވައްޒަފުންނަށް 300 ހައުސިންގ ފްލެޓް އަޅާއިރު މެދު ފަންތީގެ މުވައްޒަފުންނަށް 300 ފްލެޓް، އަދި ސަޕޯޓް ސާވިސް މުވައްޒަފުންނަށް 400 ފްލެޓް ދިނުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.
" އެއްހާސް ހައުސިން ޔުނިޓްގެ ތެރެއިން މެނޭޖީރިއަލް ލެވެލްގެ މީހުންނަށް މިދެނީ 300 ހައުސިންގް ޔުނިޓް. އެއީ ސިވިލް ސާވިސް އޮނިގަނޑުން ބަލާނަމަ އެމްއެކްސް 2 އިން ފެށިގެން އީއެކްސް 2 އާ ހިސާބަށް. ދެވަނަ ކެޓަގަރީއަކީ އިދާރީ ރޭންކް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން. އެ މުވައްޒަފުންނަށް 300 ފްލެޓް ދޭއިރު އެއީ ސިވިލް ސާވިސް އޮނިގަނޑުގެ އެމްއެކްސް 2 އިން ޖީއެސް 3 ރޭންކުގެ މުވައްޒަފުން. ތިންވަނަ ބަޔަކީ ސަޕޯޓް ސާވިސްގެ މަގާމް ތަކުގައި ވަޒީފާ އަދާކުރާ ފަރާތްތައް އެފަރާތް ތަކަށް 400 ހައުސިން ޔުނިޓް ވަނީ ދިނުމަށް ނިންމާފައި. އެއީ އެސްއެސް 4 އިން އެސްއެސް 1 އާ ދޭތެރޭގެ މުވައްޒަފުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ހައުސިން ޔުނިޓް ތަކުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގެ ޔަގީންކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދީފައިވާ ކަމަށާއި 7000 ހައުސިން ޔުނިޓްގެ މަސައްކަތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މި އަހަރުގެ އޭޕްރީލް މަހުގެ ކުރިން ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ 7000 ހައުސިން ޔުނިޓުން ނިމިހުރި 6000 ހައުސިންގ ޔުނިޓް ހަދަން ނިންމާފައިވާ ގޮތް އަދި މުޅިން ފައިނަލް ނުވި ނަމަވެސް ގެދޮރު ބޭނުން ވެފައި ތިބި މީހުންނަށް ފައިދާވާނެ ހެން އެ ފްލެޓްތައް ލިބިގެންދާނެ ކަމަށެވެ.