އެމެރިކާއަކީ މެދުއިރުމަތީގައި މިހާރު އެންމެ އިސްދައުރު އަދާކުރާ ގައުމު ނޫންކަމަށާއިއި އެދައުރު ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއަށް ގެއްލިގެން ހިނގައްޖެކަމަށް އިސްރާއީލުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ބްލޫމްބާގް ނޫސްއެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އިސްރާއީލުގެ ބޮޑުވަޒީރުގެ ނައިބު މައިކަލް އޯން ވިދާޅުވީ މެދުއިރުމަތީގެ ގިނަކަންކަމުގައި މިހާރު ފަހުބަސްބުނަނީ ރަޝިޔާ ކަމަށާއި ސޫރިޔާ، ތުރުކީ އަދި އީރާންފަދަ ބޮޑެތި ގައުމު ތަކުގެ ފަހަތުގައިވެސް އޮތީ ރަޝިޔާ ކަމުގައެވެ. އަދި ގުދްސުގެ މައްސަލާގައި އެމެރިކާ ދާދިފަހުން ނިންމި ނިންމުމުގެ ސަބަބުން ފަލަސްތީނުވެސް އެމެރިކާއަށް ފުރަގަސްދީ ރަޝިޔާއާ ދިމާއަށް އެނބުރިފައިވާކަމަށާއި މިއީ އިސްރާއީލުން ވިސްނަންޖެހިފައިވާ ކަމެއްކަމަށް އިސްރާއީލުގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވިއެވެ.

ގުދްސުގެ މައްސަލާގައި އެމެރިކާ ނިންމި ޣައިރު ގާނޫނީ ނިންމާއެކު ފަލަސްތީނުންވަނީ މެދުއިރުމަތީގައި ސުލްޙައިގެ ދައުރު އަދާކުރުމުގެ ފުރްސަތު އެމެރިކާއަށް ގެއްލިގެން ހިނގައްޖެ ކަމަށާއިކަމަށާއިއި އެމެރިކާ އިސްވެ އޮވެގެން ކުރިޔަށް ގެންދާ ސުލްހައިގެ ވާހަކަތަކެއްގައި ފަލަސްތީނުން ބައިވެރި ނުވާނެ ކަމަށް ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ސޫރިޔާއާއި އިސްރާއީލާ ދެމެދު ހިނގައިދިޔަ އަސްކަރީ ކުރިމަތިލުންތަކަށް އިޝާރާތް ކުރައްވަމުން މައިކަލް އޯން ވިދާޅުވީ ސޫރިޔާ ހިފެހެއްޓުމާއި ސޫރިޔާ ކޮންޓްރޯލް ކުރުމުގެ ބާރުއޮތީ އެމެރިކާއަށް ނޫންކަމަށާއި ރަޝިޔާއަށް ކަމުގައެވެ. ހޮނިހިރު ދުވަހު ސޫރިޔާއިންވަނީ އެގައުމުގެ ވައިގެ ސަރަހައްދަށް ވަދެ އުދުވާނީ ހަމަލާދިނުމަށް މަސައްކަތްކުރި އިސްރާއީލުގެ ފައިޓަރ ޖެޓެއް ކަމަށްވާ އެފް ސޯޅައިގެ އަސްކަރީ ބޯޓެއް ވައްޓާލާފައެވެ.

ސޫރިޔާއިން އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓު ވައްޓާލީ ރަޝިޔާއިން ފޯރުކޮށްދީފައިވާ ހަތިޔާރު ބޭނުންކޮށްގެންނެވެ. މިއީ އާދައިގެ ކަމެއް ނޫންކަމަށް އިސްރާއީލު ދެކެއެވެ. އަދި މިއީ އިސްރާއީލަށް ވަރަށް ޙައްސާސްވެސް މައްސަލައެކެވެ. ސަބަބަކީ އިސްރާއީލުގެ ސިފައިންނަކީ ބަލިކަށި ބައެއްގެ ގޮތުގައި ފެންނަން ފަށައިފިނަމަ އިސްރާއީލަށް ފަލަސްތީނުގެ ބިމުގައި ދެމިއޮތުމުގެ ފުރްސަތު ގެއްލިގެންދާތީއެވެ.

މިމައްސަލާގައި އިސްރާއީލު ކަންބޮޑުވެފައިވާއިރު އިސްރާއީލު ސަރުކާރުން މި މައްސަލަ ފިނިކުރުމުގައި އެހީތެރިވެދިނުމަށް އެދުނީ އެމެރިކާގެ ބަދަލުގައި ރަޝިޔާގެ ކިބައިންނެވެ. ރަޝިޔާގެ ފެހިއަލި ލިބިގެން ނޫނީ އިސްރާއީލުގެ އަސްކަރީ ބޯޓެއް ވައްޓާލަން ސޫރިޔާއަށް ނުކެރޭނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ސޫރިޔާއިން އިސްރާއީލުގެ އަސްކަރީ ޖެޓް ވައްޓާލުމުން އިސްރާއީލުގެ އެންމެ ބޮޑު ދުޝްމަން އީރާނާއި ބުނެފައިވަނީ ސޫރިޔާގެވައިގެ ސަރަހައްދަށް ވަދެ ހިތުހުރި ގޮތަކަށް އުޅުނު ދުވަސްވަރު އިސްރާއީލަށް މިހާރު މާޒީވެގެން ހިނގައްޖެ ކަމަށާއި ދެން ސޫރިޔާގެ ވައިގެ ސަރަހައްދުގައި އެގޮތަށް އިސްރާއީލަށް ކުރިން އުޅުނުގޮތަށް ނޫޅެވޭނެ ކަމުގައެވެ. އިސްރާއީލުން ސޫރިޔާއަށް ޙަމަލާދޭނަމަ އޭގެ އަގު ވޭނެދެނިވި ގޮތެއްގައި އިސްރާއީލު ދައްކަން ޖެހޭނެކަމުގެ އިންޒާރުވެސް އީރާނުން ދީފައިވެއެވެ.

ސޫރިޔާއާއި އިސްރާއީލުގެ ކުރިމަތިލުންތަކާބެހޭގޮތުން އެމެރިކާ މާބޮޑަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެއީ މިކަމުގައި އެމެރިކާއަށް ކުރެވޭނެ ކަމެއް ނެތުމުންނާ ސޫރިޔާއަކީ ރަޝިޔާގެ ބާރު ހިނގާ ގައުމެއްކަމުން ސޫރިޔާއާ ކުރިމަތިލުމަކީ އަމަލީގޮތުން އެމެރިކާއަށް ކުރެވޭނެ ކަމަކަށް ނުވާތީއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ ނައިބު މައިކަލް އޯން ވިދާޅުވީ އެމެރިކާއާއި ސޫރިޔާ ކުރިމަތިލުމަކަށް ދިޔުމަކީ ރަޝިޔާގެ މަސްލަހަތު އޮތްކަމެއް ނޫންކަމަށާއި އެހެންކަމުން ރަޝިޔާއިން މިކުރިމަތިލުންތައް ހުއްޓުވާނެ ކަމަށް ގަބޫލުކުރައްވާ ކަމުގައެވެ. ސޫރިޔާއިން އިސްރާއީލުގެ މަތިންދާބޯޓަށް ދިން ޙަމަލާއަކީ އިސްރާއީލުގެ އަސްކަރީ ބާރު ވަކަރަށް ޖަހާލުމަށާއި އެމެރިކާގެ ނުފޫޒު މެދުއިރުމަތީގައި ކެނޑިފައިވާ މިންވަރު ދުނިޔެއަށް ހާމަކޮށްދިނުމުގެ ގޮތުން ރަޝިޔާ ކުރުވިކަމެއް ކަމަށް އިސްރާއީލުގެ ނޫސްތަކުން ތުހުމަތުކޮށްފައިވެއެވެ. މިކަން ވެގެންދިޔައީވެސް މިގޮތަށެވެ. ރައްކާތެރިކަމަށް އެދި ހޯދައިދިނުމަށް އެދި އިސްރާއީލު ގޮވާލީ ރަޝިޔާއަށެވެ. އެމެރިކާ އަކަށްނޫނެވެ.