12 Feb 2018, 23:14
ނިމިދިޔަ ދެ ޓްރާންސްފާ ސީޒަންގައިވެސް އާސެނަލުން އެންމެ ބޮޑަށް މަސައްކަތްކުރީ ފޯވަޑެއް ހޯދުމަށެވެ. އެގޮތުން އެޓީމުވަނީ ދެ ފަހަރަށް ކްލަބުގެ ޓްރާންސްފާ ރެކޯޑު މުގުރާލާ ދެ ފޯވަޑުން ޓީމަށް ގެނެސްފައެވެ.
އެންމެ ފަހުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ފްރާންސްގެ ފޯވަޑް އެލެކްސެންޑްރާ ލަކަޒެޓް އާސެންލާ ގުޅިފައިވާއިރު، ނިމިދޔަ ފިނި މޫސުމުގެ ޓްރާންސްފާގައި ގެބޯންގެ ފޯވަޑް ޕިއެރޭ އެމްރިކް އޮބަމަޔާންވަނީ އާސެނަލްގެ ރެކޯޑު އަގަކަށް އެޓީމާ ގުޅިފައެވެ.
މި ސީޒަންގެ ކުރީ ކޮޅުގައި ލަކަޒެޓްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް މި ފަހަކަށް އައިސް ލަކަޒެޓް ފެނުނީ ވަރަށް ދަށް ފޯމެއްގައި ކުޅުނު ތަނެވެ. އަދި އޮބަމަޔާންގެ ޓްރާންސްފާއާއެކު ލަކަޒެޓަށްވަނީ ފުރަތަމަ 11 އިންވެސް ފުރުސަތު ގެއްލިފައެވެ.
އާސެނަލްއިން ޓޮޓެންހަމްއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު މެޗުގެ ދެވަނަ ހާފްގައި ކުޅެން ނުކުމެ ލަކަޒެޓަށް ލިބުނު ހުސް ދެ ފުރުސަތުގެ ބޭނުންވެސް އޭނާއަށް ހިފިފައިނުވާއިރު، ވެންގާ ބުނީ އޮބަމަޔާން އާސެނަލާ ގުޅުމާއެކު ލަކަޒެޓް ހިތް ނުތަނަވެސް ވެފައިވާ ކަމަށެވެ.
"އެއް ތަނަކަށް ކުޅޭ ކުޅުންތެރިޔަކު އައިސް ވާދަވެރިކަން ގަދަކުރީމަ ކޮންފިޑެންސަށް އަސަރު ކޮށްފާނެ. ލަކަޒެޓްގެ ފަރާތުން އެފަދަ ހިތް ނުތަނަވަސް ކަމެއް ފެނުނު. ކޮންމެ ކުޅުންތެރިޔަކުވެސް ބޭނުންވާނީ ފުރަތަމަ 11 އިން ޖާގަ ހޯދަން. ލަކަޒެޓްއަކީ ފަރިތަކުރުންތަކުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރާ ކުޅުންތެރިއެއް،" ވެންގާ ބުންޏެވެ.
ވެންގާ ބުނީ ޓޮޓެންހަމްއަށް ދެކޮޅަށް ލިބުނު ކަހަލަ ފުރުސަތު ތަކުގައި އާއްމުކޮށް ލަކަޒެޓް ނިންމާލާނެ ކަމަށާއި، އެރޭގެ މެޗުގައި އޭނާއަށް ދިމާވި މައްސަލަ ޔަގީންކޮށް ބުނަން ނޭނގޭ ކަމަށެވެ.
"ނޭނގެ ލަކަޒެޓަށް ދިމާވި މައްސަލައެއް. އާއްމުކޮށް ކީޕަރު އެކަނި އޮންނަ ހާލަތްތަކުގައި ލަކަޒެޓް ނިންމާލާނެ. އޭނާއަށް ރަނގަޅަށް ބޯޅަ ނުޖެއްސުނު. އެކަމަކު އޭގެން ފެނުނީ ކޮންފިޑެންސަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާތަން،" ވެންގާ ބުންޏެވެ.
ވެންގާ އިތުރަށް ބުނީ އިނގިރޭސި ފުޓުބޯޅައަށް ހޭނުމަށް ލަކަޒެޓަށް ވަގުތު ބޭނުންވާނެ ކަމަށާއި، އާސެނަލްގައި މިހާރު ތިބި ދެ ފޯވަޑުންނަކީވެސް ވަރަށް ހުނަރުވެރި ދެ ފޯވަޑުން ކަމަށެވެ.