12 Feb 2018, 13:17
ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ނައިބު ރައީސް ކަމުގައި ހުންނެވި އިރު ބަޣާވާތްކޮށްގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލައި ރައީސް ކަމަށް އަންނަން މަސައްކަތް ކުރި ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޖަމީލަކީ "ހަރާން ކޯރުވުން" ކަށީގައި ހިފާފައި ހުންނަ ބޭފުޅެއް ކަމަށާއި އޭނާ ޕީޕީއެމްއަށް ސޮއިކުރެއްވި ދުވަހު ވެސް އެ ޕާޓީއަށާއި ރައީސް ޔާމީނަށް ހަރާންކޯރުވާނެކަން އެނގިވަޑައިގަތް ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި މޭޑޭގެ މުޒާހަރާ ކުރިއަށް ދިޔަ އިރު ވެސް ޖަމީލު ހުންނެވީ ގާސިމާ ގުޅިވަޑައިގެން ވެރިކަން ވައްޓާލުމަށް ތައްޔާރުވެގެން. މޭޑޭގެ މުޒާހަރާއަކީ ގާސިމް ފަންޑުކުރައްވައިގެން ކުރިއަށް ގެންދިޔަ މުޒާހަރާއެއް. ގާސިމާއި ޖަމީލާއި ދޭތެރޭ ކުރެވިފައި ހުރި މުއާމަލާތައް ވަނީ ފެނިފައި. އޭރު ވެސް ޖަމީލު ތައްޔާރުވަމުން ދިޔައީ ބަޣާވާތަކުން ސަރުކާރު ވައްޓާލައިގެން ވެރިކަމަށް އަންނަން." އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަސްޓިސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ރައީސް މައުމޫނަށް ޖަމީލު "ޣައްދާރުވި" ކަމަށާއި އެމްޑީޕީ ސަރުކާރުގެ ވަޒީރު ކަމުގައި ހުންނަވައި އެމްޑީޕީ ސަރުކާރަށް ވެސް ޖަމީލު ގައްދާރުވެފައިވާ ކަމަށެވެ.
"މިއީ ކުއްލިއަކަށް ޖޭޕީ މާ ވަރުގަދަވެގެން ޖޭޕީއާ ގުޅުނު ކުޅުމެއް ނޫން. މިއީ ޒަމާނުއްސުރެ އެމީހުން ތެރޭގައި އޮތް ގާތްކަމެއް ތެރެއިން ރޭވިގެން ހިނގަމުން ހިނގަމުން އައިސް ވެގެންދިޔަ ކަމެއް. ޖަމީލު ޖޭޕީ އަށް ވެސް ހަރާން ކޯރު ވާނެ. މިހާރު ވެސް އެތިބީ ރައްޔިތުންނަށް ގައްދާރުވެގެން." އަދުރޭ ވިދާޅުވި އެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ގާސިމް މިހާރު ކުރައްވަމުން އެ ގެންދަވާ މަސައްކަތްޕުޅަކީ އެމްޑީޕީ ވަރުގަދަކޮށް އޮތީމާ އެ ޕާޓީ ހަލާކު ކޮށްލައި ވެރިކަމަށް އައުމަށް ކުރާ މަސައްކަތް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބް ރައީސް ޖަމީލާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.