12 Feb 2018, 14:03
މ. އެންދެރިގަސް ގޭގެ ޑްރައިވަރު، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޕޮނިއާ ސުދާގަރަށް ގާނޫނީ ވަކީލެއްގެ ފުރުސަތު ނުދޭކަމަށް ބުނެ އޭނާގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޕޮނިއާ ހައްޔަރުކޮށްފައިވަނީ ޖެނުއަރީ 31 ވަނަ ދުވަހުގެ ރޭ އެންދެރިގަސް ގޭންނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ގާނޫނީ ސަރުކާރެއް ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތެވެ.
ޕޮނިއާގެ ގާނޫނީ ވަކީލު މުހައްމަދު ފައްވާޒު ސޮއިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްގެން ގެންދިޔަ ރޭ ދަންވަރުގެ ވަގުތެއްގައި ގޮޅިން ނެރެ ތަހުގީގުގައި ސުވާލު ކޮށްފައިވާ ކަމުގެ މައުލޫމާތު އޭނާ ވަކީލުންނަށް ދިން ކަމަށެވެ.
" ޕޮނިއާ ސުދާގަރު ބުނެފައިވަނީ އޭނާ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް. ނަމަވެސް ތަހުގީގު ކުރިއަށް ގެންދިއުމުގައި ވަކީލަކު ހުރުން މުހިންމު ނޫން ކަމަށް ތަހުގީގު ކުރި ފުލުހުން ބުނެފައިވާ ކަމަށް،" ވަކީލުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕޮނިއާ 15 ދުވަހަށް ޖަލުގައި ބަންދު ކުރުމަށް ކޯޓުން އަމުރު ކުރުމުން އޭނާ ބަންދު ކުރެވުނީ ބަންދު ކުރެވޭ އެހެން މީހުންނާ ހިލާފަށް ވިލިމާލޭގައި ހުންނަ ފުލުހުންގެ މަރުކަޒުގައި ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
މައްސަލައިގައި ގާނޫނީ ވަކީލެއްގެ ގޮތުން ވަކީލު މުހައްމަދު ފައްވާޒު އައްޔަން ވުމަށް ހުށަހެޅުމުން ޕޮނިއާ ގާނޫނީ ވަކީލެއް ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ބަޔާނުގައި ވަނީ ބުނެފައެވެ.
" ގާނޫނީ ވަކީލުންގެ އެހީތެރިކަން ދިނުމުގެ ދާއިރާއަކީ ހަމަ އެކަނި ތަހުގީގު ހިންގުން ކަމުގައި ނުވާއިރު މައްސަލައެއްގެ ތަހުގީގަށް ގާނޫނީ ވަކީލެއް ބޭނުން ނުވާ ކަމަށް ބުނުމަކީ ވަކީލެއްގެ އެހީތެެރިކަން ލިބުމުގެ ހައްގު އެއްކޮށް ގެއްލިގެން ދިއުމެއް ނޫން. އެއީ މީގެ ކުރިން އަމަލު ކުރާ އުސޫލެއްވެސް ނޫން،" ބަޔާނުގައި ބުނެފައިވެ އެވެ.
ޕޮނިއާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމަށް ފުލުހުން ދެކޮޅު ހަދަނީ އޭނާ ލައްވައި ވަކި ގޮތަކަށް ބަޔާން ހޯދުމަށް ކަމަށް ވަކީލު ތުހުމަތު ކުރެ އެވެ. އަދި ހިނގަމުންދާ ތަހުގީގު ވަކި ދިމާލަކަށް އަނބުރާލަން މަސައްކަތް ކުރާ ކަމަށްވެސް ވަކީލު ތުހުމަތު ކުރި އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.