20 Aug 2011, 19:50
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން )އެސްޓީއޯ(ގެ މާކެޓިން ޑިޕާޓްމަންޓުގެ ބައެއް ކަންތައްތަކާ މެދު ހިތްހަމަނުޖެހިގެން އެކަންކަން ރަނގަޅުކޮށްދިނުމަށް އެދި މެނޭޖްމަންޓަށް ހުށަހެޅި ޕެޓިޝަނެއްގައި ސޮއިކުރި އެޑިޕާޓްމަންޓުގެ ބައެއް މުވައްޒަފުން ޑީމޯޓްކޮށް، އަދި ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ވަޒީފާ އިން ވަކިކޮށްފައިވާ މާކެޓިން މެނޭޖަރު އިސްމާއިލް މުޚްތަބާ މިއަދު ވިދާޅުވީ، މާކެޓިން ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ހިޔާލާއި މަޝްވަރާ ނުހޯދައި "މަތިން" ގިނަ ނިންމުންތަކެއް ނިންމުމާއި އަދި މުވައްޒަފުންނާ ދޭތެރޭ ދެރަކޮށް ކަންތައް ކުރަމުންދާތީ އެކަމާ ހިތްހަމަނުޖެހިގެން އެޑިޕާޓްމަންޓުގެ 13 މުވައްޒަފަކު ސޮއިކޮށް މިދިޔަ ޖުލައި މަހު ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެޕެޓިޝަނުގެ މައްސަލަ ކުންފުނީގެ އެތެރޭގައި މަޝްވަރާކޮށްގެން ހައްލުކުރަން އެދުމުން މުވައްޒަފުން އެކަމަށް އެއްބަސްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މުޚްތަބާ ވިދާޅުވީ، ޕެޓިޝަނުގައި ސޮއިކުރި ގިނަ މުވައްޒަފުންތަކާ މެދު މެނޭޖްމަންޓުން އެކިފަހަރުމަތިން ތަފާތު "އުޒުރު ދައްކައިގެން" ފިޔަވަޅު އަޅާފައި ކަމަށާއި އެގޮތުން ހާޒިރީގެ މައްސަލަ އުޅޭ ކަމަށް ބުނެ އޭނާ އާއި އިތުރު ކުއްޖަކު ވަޒީފާ އިން ވަކިކޮށް، ދެން މާކެޓިން މެނޭޖަރަކަށް ހުންނެވި އައިމިނަތު ޝާޔަން ޝާހިދަށް ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.
ޝާޔަން އަށް ފޮނުވި ނޯޓިސްގައި ބުނެފައި ވަނީ، ކުންފުނީގެ އޮނިގަނޑަށް އައި ބަދަލަކާ ގުޅިގެން ސޭލްސް އެންޑް މާކެޓިން ޑިޕާޓްމަންޓުގައި ހުންނާނީ އެންމެ މެނޭޖަރަކަށްވާތީ، އޭނާ މެނޭޖަރުގެ މަގާމުގައި ބެހެއްޓެން ނެތް ކަމަށެވެ. އަދި އެހެން ޑިޕާޓްމަންޓަކުން މެނޭޖަރެއްގެ މަގާމު ހަމަޖެހެން އޮތީ "އިންޓަވިއު އިން ފާސްވެއްޖެ ނަމަ" ކަމަށް ވެސް އެނޯޓިސްގައި ބުނެފައިވެ އެވެ.
މުޚްތަބާ އިތުރަށް ވިދާޅުވީ، އެހެން މުވައްޒަފުންތަކެއް ޑީމޯޓްކޮށް، އެމީހުން ވަޒީފާއިން އަމިއްލަ އަށް އިސްތިއުފާދޭން ވެސް މަޖުބޫރު ކުރުވަމުންދާ ކަމަށެވެ.
"ޑިގްރީ ނަގައިގެން ވަޒީފާގައި ހަ އަހަރު ހަތް އަހަރުވެފައި ތިބި ކުދިން މިއީ. މީގެ ތެރެއިން ބައެއް ކުދިން ޑީމޯޓްކޮށްފައި އެބަޖައްސާ އޯ ލެވެލް އޭ ލެވެލް ފެންވަރުގެ ކުދިންނަށް ރިޕޯޓްކުރަން. އަނެއްކާ އެހެން ކުދިންނަށް އެސްޓީއޯ އިން ލޯން ނަގައިފައޭ، ކްރެޑިޓް ސްކީމް އެބޮތް ނޫންހޭ ކިޔައިފައި ބިރުވެސް އެބަ ދައްކައި،" މާސް ކޮމިއުނިކޭޝަން އިން ޑިގްރީ ހާސިލްކޮށްފައިވާ މުޙްތަބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕެޓިޝަން ހުށަހެޅުމުގެ ކުރިން ވެސް އެކިފަހަރުމަތިން މާކެޓިން ޑިޕާޓްމަންޓުގެ ހަ މުވައްޒަފަކު ތަފާތު ސަބަބުތަކާ ހުރެ ވަނީ ވަފީޒާ އިން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ވެސް ތައުލީމީ ގޮތުން ގާބިލު ކުދިންތަކެއް ހިމެނޭ ކަމަށްވެ އެވެ.
"މެނޭޖްމަންޓުން ބުނަނީ ކިޔަވައިގެން އައިމެ މިތިބެނީ ފޮނިވެފައޭ. އެކަމަކު އަޅުގަނޑުމެންވެސް މިތިބެނީ ތަންދޮރު އޮޅުންފިލާވަރަށް ލޯ ހުޅުވިފައި. ކޮންމެ ގޮތެއް ހަނދަން ބުނީމަ ނުހަދާނެ އެހެންނުންތޯ؟" އޭނާ ވިދާޅުވި އެވެ.
މުޚްތަބާ ވިދާޅުވީ، ވަޒީފާ އިން ވަކިކުރި މައްސަލާގައި ކޯޓަށް ދިއުމަށް ތައްޔާރުވަމުންދާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ގާނޫނީ ވަކީލުންނާ މަޝްވަރާ ވެސް ކުރަމުންދާ ކަމަށެވެ.
އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީ މިއަދު ވިދާޅުވީ، އެސްޓީއޯގެ އެއްވެސް މުވައްޒަފަކު ވަކިކުރި ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް، ކުންފުނީގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅިގެން ބައެއް މުވައްޒަފުން އެހެން ވަޒީފާ ތަކަށް ބަދަލުކޮށް، އާ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަސްލު ވެގެން އުޅޭ ގޮތަކީ މާކެޓިން ޑިޕާޓްމަންޓުގެ ޕެޓިޝަން އާއި ރީސްޓްރަކްޗަރިންއާ އެއް ޓައިމިން އަކަށް ]އެއް ވަގުތަކާ[ މިއައީ. މި ރީސްޓްރަކްޗަރިންއާ ގުޅިގެން ބައެއް ސްޓާފުން އެކި ޑިޕާޓްމަންޓްމަންޓްތަކަށް ސުވިޗްކޮށްފައި ]ބަދަލުކޮށްފައި[ ހުންނާނެ. ދެން އެގޮތަށް ބަދަލުކުރާއިރު ސްޓާފަކު އިތުރު ވެއްޖެއްޔާ އޭނަ އިތުރު ދިމާލަކަށް ލެވޭތޯ ބަލާނީ. ]އެހެން[ ބަލާފައި ދެން އެއްވެސް ގޮތަކަށް އެހެން ތާކަށް ނުލެވިއްޖެއްޔާ ނޯޓިސްވެސް ދީފާނެ އިންނަ އުސޫލުން ކޮމްޕަންސޭޝަން ]ބަދަލު[ ދީފައި. އެކަމަކު އެއްވެސް ސްޓާފަކާ މެދު ހިތްހަމަ ނުޖެހިގެން އެކަހަލަ ކަމެއް ކޮށްފައެއް ނީންނާނެ." ޝާހިދު ވިދާޅުވި އެވެ.