12 Feb 2018, 10:46
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހީމްގެ ގެއިން ފެނުނު ކަޅު ފޮއްޓެއްގެ ތެރެއިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް، އަހުމަދު ފާރިސް މައުމޫން މަސައްކަތް ކޮށްފައިވާކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭ ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، މި ފޮށި ހޯދާފައިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށާއި މި ފޮށިން، ސަރުކާރު ވައްޓާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ފާރިސް މަސައްކަތް ކޮށްފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ.
"އެންދެރިމާގެއިން ސިއްރުން ނެރެގެން ގެންދިޔަ ކަޅު ފޮއްޓެއްގެ ތެރެއިން މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ވަނީ ލިބިފައި. މި ކަޅު ފޮށީގެ ތެރެއިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ފާރިސް މަސައްކަތް ކޮށްފައިވާކަމުގެ ކިތާބީ ހެކި ލިބިފައިވޭ. މި ފޮށި ހޯދާފައިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި. މި ފޮށި ފެނިފައި ވަނީ ކުރީގެ ރައީސް މައުމޫންގެ އަރިހުގައި މަސައްކަތްކުރާ މިހާރު ފުލުހުންގެ ހައްޔަރުގައި ހުރި ނަޖްމާގެ ގެއިންކަން ޔަގީންކޮށް އަރުވަން،" ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގަށް 30 މީހުންނާއި ސުވާލުކޮށްފައިވާއިރު، އަދި އެކަމުގެ ތަހުގީގަށް ހެއްކާއި ގަރީނާ ހޯދުމަށްޓަކައި 15 ތަނެއް ބަލާ ފާސްކޮށްފައިވާނެކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ބޭފުޅުން ރާއްޖެއިން ބޭރުން އަގުބޮޑެތި މުދާގެ ގޮތުގައި ފްލެޓާއި އެޕާޓްމެންޓް ގަނެފައިވާކަން ޔަގީންވާ ވަރަށް ކިތާބީ ހެކި ވަނީ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.