ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތްވާ ދަބަހެއްގެ ތެރެއިން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ ފުލުހުން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އިދާރާގެ ތަރުޖަމާނު އަހުމަދުޝިފާންވިދާޅުވީ، ހަމީދަށް ނިސްބަތްވާ ދަބަހެއްގެ ތެރެއިން 215،000 ޑޮލަރާއި 150،000 ރުފިޔާ ފެނިފައިވާ ކަމަށެވެ.

"އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން ދެ ލައްކަ ފަނަރަ ހާސް ޑޮލަރާއި އެއް ލައްކަ ފަންސާސްހާސް ރުފިޔާ ފެނިފައި. މީގެ އިތުރުން އަލީ ހަމީދުގެ އާއިލާ އަށް ކުރީގެ ރައީސް މައުމޫން ތަފާތު އެކި ގޮތްގޮތުން އެހީވަމުން އަންނަ ކަމަށް ތަހުގީގަށް ވަނީ ޔަގީން ކުރެވިފައި." ޝިފާން ވިދާޅުވި އެވެ.

މީގެ އިތުރުން ޝިފާން ވިދާޅުވީ އަލީ ހަމީދު ރިޝްވަތުގެ ފައިސާ ބޭނުން ކޮށްގެން ފްލެޓެއް ގަނެފައިވާ ކަމުގެ ކިތާބީ ހެކި ޔަގީން ކުރެވޭ ވަރަށް ވަނީ ލިބިފައިވާ ކަމަށާއި ރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ބިޔަ ކުންފުންޔަކުން 2.4 މިލިއަން ޑޮލަރުގެ ލޯނު އެހީ އަލީ ހަމީދަށް ދީފައިވާ ކަމުގެ ކިތާބީ ހެކި ވެސް ޔަގީންވާ ވަރަށް ލިބިފައިވާ ކަމަށެވެ.

"އަލީ ހަމީދު ރިޝްވަތުގެ ފައިސާ ބޭނުން ކޮށްގެން ފްލެޓެއް ގަނެފައިވާ ކަމުގެ ކިތާބީ ހެކި ޔަގީން ކުރެވޭ ވަރަށް ވަނީ ލިބިފައި. ރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ބިޔަ ކުންފުންޔަކުން 2.4 މިލިއަން ޑޮލަރުގެ ލޯނު އެހީ އަލީ ހަމީދަށް ދީފައިވާކަމުގެ ކިތާބީ ހެކި ވަނީ ޔަގީންވާ ވަރަށް ލިބިފަ." ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ އިތުރަށް ވިދާޅުވީ އަލީ ހަމީދުގެ އާއިލާއަށް ތަފާތު އެކި ގޮތްގޮތުން ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް އެހީތެރިވަމުން އަންނަ ކަމަށް ތަހުޤީޤަށް ޔަގީންވެފައިވާކަމަށެވެ.

އަލީ ހަމީދަށް ކުރެވޭ ތުހުމަތުތަކަކީ ރިޝްވަތުގެ ފައިސާ ހިފައި ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތެވެ. މި މައްސަލައާ ގުޅިގެން ޖޭއެސްސީ އިން ވަނީ އޭނާ ސަސްޕެންޑުވެސް ކޮށްފަ އެވެ.

އަލީ ހަމީދު ހައްޔަރު ކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނިކޮށް މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓު ތެރޭގައި ހުންނަވަނިކޮށެވެ. އަލީ ޙަމީދާ އެކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.