20 Aug 2011, 16:38
ދެމަފިރިއެއްގެ ގުޅުންތައް ވީޑިއޯކޮށްގެން ބެލި ކަމުގެ ތުހުމަތުގައި ހއ. އުތީމުން ހައްޔަރުކުރި ދެ މީހުންގެ ތަގުގީގުތައް ނިމިފައިވާ ކަމަށާއި އެ މައްސަލަ ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނަރަލް )ޕީޖީ( އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުތައް ނިމުމުން ހައްޔަރު ކުރި ދެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރު ކުރީ އެ ރަށު އެމްޑީޕީ ގޮފީގެ ރައީސް މުހައްމަދު ހަސަން 26 އާއި އުތީމު ކެތީރޯޒް އަލީ މުނާޒު 21 އެވެ.
އޮފިޝަލް ވިދާޅުވީ އެ މީހުން ބަރަހަނާ މަންޒަރުތައް ވީޑިއޯ ކުރަން ގެންގުނު އެއްޗެއްސާއި އެ ވީޑިއޯތަކާއި ފޮޓޯތައް ފޮރުވަން ގެންގުޅުނު އެއްޗެހިތަކުން އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފޮރެންސިކް ތަހުގީގުތަކުން ސާބިތުވެފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގުތައް ނިންމިފައި ވުމުން، އެ މައްސަލަ ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ފުލުހުން ހިފެހެއްޓި އެ މީހުންގެ ތަކެތި، ފޮރެންސިކްގައި ގެނެސްގެން ޗެކްކުރި ކުރުމުން އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ އެއްޗެހިތައް ފެނިފައިނުވޭ. އެހެން ނަމަވެސް އެ މައްސަލައިގެ ތަހުގީގު މަރުހަލާ ނިމިފައި ވުމުން ވީހާ އަވަހަކަށް ޕީޖީއަށް ފޮނުވާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އުތީމު ބައެއް މީހުން ބުނާ ގޮތުން އެ ދެ މީހުން ހައްޔަރު ކުރީ ގެއެއްގެ ކޮޓަރީގައި ތިބި ދެމަފިރިއެއްގެ ގުޅުންތައް ދަންވަރުގެ ވަގުތެއްގައި ކެމެރާއަކުން ވީޑިއޯ ކުރަނިކޮށް ފަޅާއަރައިގެން ކަމަށެވެ. އެ މީހުން ވީޑިއޯ ކުރަނިކޮށް ފެނިފައި ވަނީ އެ ދެމަފިރިން އުޅޭ ގޭގެ އެހެން މީހަކަށް ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެ އެވެ. އެ މީހާ ބުނި ގޮތުން އެ ހާދިސާ ހިނގާފައި ވަނީ ރަށުގެ ގިފިލިތަކާއި ކޮޓަރިތަކުގައި ކެމެރާއެއް ހަރުކޮށްގެން އަންހެން ކުދިންގެ ބަރަހަނާ މަންޒަރުތައް ވެސް ރިކޯޑްކޮށްފައިވާ ކަމުގެ އަޑުތައް ރަށުތެރޭގައި ފެތުރިފައިވަނިކޮށް ކަމަށެވެ. ދެ މީހުން ހައްޔަރު ކުރި އިރު، ރަށު މީހުންގެ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް އަޅާފައި ހުރި ކަމަށް ޝައްކުކުރެވޭ ލެޕްޓޮޕެއް ވެސް ފުލުހުން ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.
މީގެ ކުރިން ހއ. ފިއްލަދޫ ގޭގެ ކޮޓަރިތަކާއި ގިފިލިތަކުގައި ކެމެރާ ހަރުކޮށް ޒުވާން އަންހެން ކުދިންގެ ބަރަހަނާ މަންޒަރުތަކާއި ދެމަފިރިކަމުގެ ގުޅުންތައް ރިކޯޑު ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ވެސް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.