ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ހޯދަމުން ދަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.

އިލްހާމް ހޯދަން ފުލުހުން އިއުލާނު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ފުލުހުން ރޭ ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފުލުހުން ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، އިލްހާމް ހޯދަމުން ދަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށާއި މި މައްސަލައިގައި ޖުމްލަ އަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

"ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އަބްދުﷲ ސައީދު، އަލީ ހަމީދު މުހައްމަދު، ހަސަން ސައީދު ހުސައިން، އިބްރާހިމް ސިޔާދު ގާސިމް، ފާތިތަމު ނާސިރާ، އަހުމަދު ފާރިސް މައުމޫން، އަބްދުﷲ ސިނާން. އަދި މި މައްސަލާގައި ގއ. ގެމަނަފުށި އޯކިޑްމާގެ، އިލްހާމް އަހުމަދު ހޯދުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުން،" ޝިފާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި މައްސަލައިގެ ތަހުގީގަށް 30 މީހަކާ ސުވާލު ކުރެވުނު ކަމަށާއި މައްސަލައާ ގުޅޭ ހެކި ހޯދުމަށް 15 ތަނެއް ބަލައި ފާސްކޮށްފައިވާނެކަމަށެވެ.

ޝިފާން އިތުރަށް ވިދާޅުވީ މި މައްސަލައިގައި ތުހުމަތުކުރެވިފައިވާ ފަރާތްތައް ރާއްޖެއިން ބޭރުން އަގުބޮޑެތި މުދަލުގެ ގޮތުގައި ފްލެޓާއި އެޕާޓްމެންޓް ފަދަ ތަކެތި ގަނެފައިވާކަން ޔަގީންވާ ވަރަށް ކިތާބީ ހެކި ވަނީ ލިބިފައިވާ ކަމަށެވެ.

އިލްހާމާ ބެހޭ މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ ފުލުހުން ވަނީ އޭނާގެ އަބިކަނބަލުން މާޝާ ހަސަން އާވެސް ސުވާލުކޮށްފައެވެ. ފުލުހުން ސުވާލު ކުރުމުން މާޝާ ވަނީ އިލްހާމް ވީ ތަނެއް ނޭނގޭ ކަމަށް ބުނެފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި އުޅުއްވުމަށްފަހު އިލްހާމާއި މައްޗަން ގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން މާލެ ވަޑައިގަތީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ. ޖެހިގެން އައި ހޮނިހިރު ދުވަހު އެ ދެ މެންބަރުން މާލެ ވަޑައިގަތުމާ އެކު އެއާޕޯޓުން ފުލުހުން ވަނީ އެ ދެބޭފުޅުން ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެ ދެ މެންބަރުން މިނިވަންކޮށްފައެވެ.