20 Aug 2011, 16:11
އިދިކޮޅު ޑީއާރުޕީގެ ޒެޑް ފެކްޝަނުން ރަސްމީކޮށް ވަކި ސިޔާސީ ޕާޓީއެއް ހެދުމާ ބެހޭ ގޮތުން ކައުންސިލްފައި މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް އެ ފެކްޝަނުން ބުނެފި އެވެ.
އެ ފެކްޝަނުގެ އޮފިޝަލަކު ނަން ހާމަކުރުމަށް އުޒުރުވެރިވެ، މިއަދު ވިދާޅުވީ ކައުންސިލަށް އެ މައްސަލަ މެންބަރަކު ހުށަހަޅުއްވާފައިވާ ކަމާއި ނަމަވެސް އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ޑީއާއާރުޕީން އެކަށީގެންވާ މިންވަރަކަށް މަސައްކަތް ނުކުރާ ކަމަށް ތުހުމަތު ކުރާ ޒެޑް ފެކްޝަނުން އައު ޕާޓީއެއް ހެދުމަށް މަސައްކަތް ކުރަނީ ވެސް ސަރުކާރު ޒިންމާދާރު ކުރުމަށް ބޮޑަށް މަސައްކަތް ކުރުމުގެ އިތުރަށް، 2013 ވަނަ އަހަރުގެ ރިއާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ޕާޓީއެއް ހެދުމާ ބެހޭ ގޮތުން ކައުންސިލްގައި ކުރާ މަޝްވަރާތަކާ މެދު، ހަމަ ޔަގީނުން ވެސް، އަންނަ މަސް ނިމުމުގެ ކުރިން ގޮތެއް ނިންމޭ ވަރުވާނެ ކަމަށެވެ.
އެ ޕާޓީއަށް ކިޔާނީ ކޮން ނަމެއްތޯ ދެންނެވުމުން އޭނާ ވިދާޅުވީ ނަމަކާ ބެހޭ ގޮތުން ވެސް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި ނަމަވެސް އަދި އެއްވެސް ކަމެއް މުޅިން ނިންމިފައި ނުވާ ކަމަށެވެ.