14:30


ގުއަންޓަނާމޯބޭ ޖަލުގައި ތިބި ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމާފައިވާ މައްސަލައާ ބެހޭ ލިއުންތަކެއް ބަޔަކު ވަގަށް ނަގައިގެން އުޅޭ ކަމަށް ބުނެ ފޮރިން މިނިސްޓްރީން ހުށަހަޅުއްވާފައިވާ މައްސަލައެއް ފުލުހުން ތަޙްޤީޤްކުރަން ފަށައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ފޮރިން މިނިސްޓްރީން ހުށަހެޅުމާ ގުޅިގެން ތަޙްޤީޤް ކުރަން ފަށައިފައި ވީ ނަމަވެސް އެކަމާ ބެހޭ ތަފްސީލެއް މިވަގުތު ދެއްވެން ނެތް ކަމަށެވެ.


ގުއަންޓަނާމޯބޭ ޖަލުގައި ތިބި ބަޔަކު ސަރުކާރުން ރާއްޖެ ގެންނަން އުޅޭ މައްސަލަ އުފެދިގެން މިއުޅެނީ، އެކަމާ ބެހޭ މަޝްވަރާތައް ނުނިމި އޮތް ޑޮކިއުމެންޓްތަކެއް ބަޔަކު ވަގަށް ނަގައިގެން ކަމަށް ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޑޮކިއުމެންޓްތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން މެންބަރުންނަށް ބަހަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެ ވައްކަމުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުސް އޮފީހަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް ޑރ. ޝަހީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.