ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގެ އުސޫލާއި ހަމަތަށް ނައްތާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ސާބިތުކަން މަތީ ހުންނަވައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިފަހުން އުފެދުނު ސިޔާސީ ހަލަބޮލިކާމަށް އަލިއަޅުއްވާލައްވައި ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ، މިއަދު އިދިކޮޅު ފަރާތްތަކުން ވެރިކަން ބޭނުންވެގެން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށެވެ.

"މިއަދު މި ކުރާ ކަމަކީ ވެރިކަން ބޭނުން ވެގެން މި ގައުމުގެ އުސޫލުތަކާއި ހަމަތައް ނައްތާލުމަށް ކުރާ މަސައްކަތް. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ނުވެ، ރައީސް ޔާމީން ވެރިކަމުގައި ސާބިތުވެ ހުންނަވައި 2018ގައި ރައީސް ޔާމީން ވެރިކަން ކުރާތަން ފެންނާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ޒިޔާދު ވިދާޅުވީ، މި ސަރުކާރަކުން އިސްލާމް ދީން ހަތިޔާރަކަށް ހަދައިގެން ނޫޅޭ ކަމަށާއި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ގާނޫނުގައި ވެސް ލިޔެފައިވާ ކަމަށެވެ.

"އެއިރެއްގައި ދައުލަތުގެ ވެރިއެއްގެ މަގާމުގައި ހުންނަ މީހަކަށް އިސްލާމް ދީން ދިފާއު ކުރުމަކީ ލާޒިމް ކަމެއް. އެއީ ގަނޫނީ ގޮތުން އަދި ޝަރުއީ ގޮތުން ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުންނަ މީހެއްގެ ކޮނޑުގައި އެޅިފައި އޮންނަ ޒިންމާއެއް. ކުރީގެ ސަރުކާރުތުގެ އިސްވެރިންނަށް ދައުލަތު ގާނޫނުތަކާއި ޒިންމާތައް ނޭނގުމަކީ މި ސަރުކާރުގެ މައްސަލައެއް ނޫން. ގައުމެއްގެ ވެރިއެއްގެ ގޮތުގައި ހުންނަން ޖެހޭނީ އިސްލާމްދީނަށް ލޯބިކުރާ ވެރިއެއް،" މިނިސްޓަރު ޒިޔާދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ވެރިމީހާ ޖަވާބުދާރި ކުރުވާށޭ ކިޔާފައި މަގުމައްޗަށް ނިކުތުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށާއި އެކަން ކުރާނީ ނަސޭހަތްދީ އިސްލާމްދީނުގެ ހަމަތަކާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

"އެ އޮންނަ އުސޫލުތަކާއި ހަމަތަކުގެ މަތީގައި ވެރިކަމުގައި ދެމި ހުރެވޭނެ ގޮތްތަކެއް ކަނޑައަޅައިދޭން ޖެހޭނެ. މި ދެކެވޭ ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ފިތުނަ ފަސާދަ އުފެއްދުމަށް ދެކެވޭ ވާހަކަތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެންމެ ކުޑަ އަސާސީ ހިދުމަތްތަކުން ފެށިގެން ރައީސް ޔާމީން އެގެންދަވަނީ ރައްޔިތުންނަށް ޚދިމަތްތައް ފޯރުކޮށްދެއްވަމުން ކަމަށާއި އެމަނިކުފާނު ހިދުމަތް ނުކުރައްވާ ދާއިރާއެއް މިއަދު ނެތް ކަމަށެވެ.