ބޭރު ގައުމެއްގެ ސިފައިން ރާއްޖެ އެރުމަށް ދިވެއްސަކު ތާއީދު ކުރުމަކީ އަމިއްލަ މެއަށް ވަޅި ހެރުން ކަހަލަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިފަހުން އުފެދުނު ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް އަސްކަރިއްޔާއާއެކު އިންޑިއާގެ މަންދޫބެއް ރާއްޖެ އައުމަށް ގޮވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކަށް އިޝާރާތް ކުރައްވައި ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ ނަޝީދު އެ ކުރައްވަނީ ހިޓްލަރު ކުރެއްވި ކަހަލަ ކަމެއް ކަމަށެވެ.

"ނަޝީދު އެ ވިދާޅުވަނީ ރާއްޖޭގައި އެބަ އޮތޭ ކޮރަޕްޝަނާއި ފަސާދަ. އެވާހަކަ ދައްކައިގެން އޭތި ނުހިނގީމަ އެ ބުނަނީ ރާއްޖެއަކީ އައިއެސް އަށް މީހުން ފޮނުވާ ތަނެކޭ. ކޮންމެ ގައުމެއްގައި ވެސް އެބަހުރި ގޯސްކަންތައްތައް. އޭގެ މާނައަކީ މުޅި މުޖްތަމައު އެހެންނެއް ނޫނޭ. ހިތް ނުތަނަސްވާ ކޮންމެ ފަހަރު އިސްލާމްދީނޭ ކިޔައިގެން ވާހަކަ ދެއްކީމަ އެ ދެވެނީ ދައުވަތު،" މޫސް ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި މި ގައުމު ކިތަންމެ ކުޑަޔަސް އދ. ގައި ރާއްޖެ އަށް ލިބޭ ހައްގުތަކަށް ބަލާއިރު އެފަދަ ބަޔަކު ރާއްޖެއަށް ވަންނަން ވާނީ ވަންނަން ޖެހޭފަދަ ހާލަތެއް މެދުވެރިވުމުން ކަމަށެވެ.

"ދުނިޔޭގައި ހަނގުރާމައެއް ފެށިގެން އުޅެނީއެއް ނޫން. ސަރަހައްދީ ހަނގުރާމައެއް ފެށިގެން އުޅެނީއެއް ނޫން. އަދި ޗައިނާ އައިސް މިތަނުގައި މަސައްކަތް ކުރިޔަސް މިތާކު ނެތް ޗައިނާގެ ބޭސް އެއް. އަޅުގަނޑުމެނާ ވިޔަފާރީގެ އެއްބަސްވުން ކޮންމެ ގައުމަކަށް ވެސް ކުރެވޭނެ. ރާއްޖޭގެ އުޅެނީ ދެ ލައްކަ މީހުންނޭ ކިޔާފަ އައިސް ޖީއެމްއާރު އެއާޕޯޓުގައި ޕެރަ މިލިޓަރީ ފޯސް ގާއިމް ކުރަން ޖެހޭ އިންޑިއާގެ މީހަކު ބުނީމަ އެކަމަށް ދިވެއްސަކު ތާއީދު ކުރުމަކީ އަމިއްލަ މެއަށް ވަޅި ޖެހުން ކަހަލަ ކަމެއް،" މޫސަ ވިދާޅުވިއެވެ.

މިފަހަރުގެ ބަޣާވާތް ނާކާމިޔާބު ކޮށްލުވުމާ އެކު އިދިކޮޅު ފަރާތްތަކުން ދެން މަސައްކަތް ފެށީ ބޭރުގެ ހަތިޔާރު އެޅި ފަރާތްތައް މެދުވެރިކޮށް ވެރިކަން ވައްޓާލުމަށް ކަމަށް މޫސަ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ މީހުންނަށް ހަރުކަށި އަދަބު ދޭން ޖެހޭކަމަށް މޫސަ ވިދާޅުވިއެވެ.