އޭއެފްސީ ކަޕުގެ ކޮލިފައިން ބުރުގެ ފުރަތަމަ ލެގަށް ބެންގަލޫރު އެފްސީ މާލެ އަތުވެއްޖެއެވެ.

މިއަދު ހަވީރު ބެންގަލޫރު އެފްސީ މާލެ އައިސްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅޭ އޭއެފްސީ ކަޕު ކޮލިފައިން މެޗުގެ ފުރަތަމަ ލެގަށެވެ.

ބެންގަލޫރު އެފްސީން މިއަދު މާލެ އައިސްފައިވާއިރު، އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ޓީމާއެކު ދަތުރު ނުކުރާކަން ފާހަގަކޮށްލެވުނެވެ. އެހެން ނަމަވެސް ފަހުން ރާއްޖެއައިސް އޭނާ ޓީމާ ގުޅޭނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗު އެލްބާޓް ރޯކާ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ބެންގަލޫރު އެފްސީ ރާއްޖެ ނައުމަށް އިންޑިއާގެ އިދާރާތަކުން އެންގިކަމަށް އެގައުމުގެ ނޫސްތަކުގައިވަނީ ބުނެފައެވެ. އެހެން ނަމަވެސް އޭއެފްސީން އިންޑިއާގެ ފުޓުބޯޅަ އިދާރާއަށް އަންގައިފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާންކޮށްފައި ވީ ނަމަވެސް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ބެންގަލޫރު އެފްސީގެ ސަލާމަތީ ކަންކަމަށް ފުރިހަމައަށް ޔަގީންކަން ދީފައި ކަމަށެވެ. އަދި ޝެޑިއުލް ކުރެވިފައިވާ ތާރީހުގައި މެޗު އޮންނާނެ ކަމަށްވެސް އޭއެފްސީންވަނީ ބުނެފައެވެ.

އިންޑިއާގެ ބެންގަލޫރު އެފްސީ މާލެ އައުމުގެ ތެރެއިން: ބެންގަލާުރު އެފްސީއާއި ޓީސީ ވާދަކުރާ ކޮލިފައިން މެޗުގެ ފުރަތަމަ ލެގު ރާއްޖޭގައި އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އިންޑިއާގެ ބެންގަލޫރު އެފްސީއާއި ޓީސީ ވާދަކުރާ އޭއެފްސީ ކަޕުގެ ކޮލިފައިން ފުރަތަމަ ލެގު މިމަހުގެ 13 ވަނަ ދުވަހު މާލޭގައި އޮންނައިރު ދެވަނަ ލެގު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގައެވެ.

އިންޑިއާގެ ބެންގަލޫރު އެފްސީ މާލެ އައުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިދިޔަ އަހަރު އިންޑިއާގެ ފެޑަރޭޝަން ކަޕް ކާމިޔާބުކުރި ބެންގަލޫރު އެފްސީއަކީ 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ރަނަރަޕް ޓީމެވެ.