އިމިގްރޭޝަން ޑިޕާޓްމަންޓާއި ހިއުމަން ރިސޯސްގެ މަސައްކަތްތަކާއި ނަތީޖާ ނެރެވޭ މިންވަރު ބެލުމަށް ރައީސް އޮފީހުން މެނޭޖްމަންޓް އޮޑިޓެއް ކުރަމުންދާ ކަމަށާއި އެ ދެ މުއައްސަސާގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރަން ކެބިނެޓުން ގޮތްތަކެއް ނިންމާނީ އެ އޮޑިޓަށް ފަހު ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ޕްރެސް ސެކްޓެރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ، އިމިގްރޭޝަނާއި ހިއުމަން ރިސޯސްގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދުމުގެ އެންމެ ބޮޑު ސަބަބަކީ ތަފާސްހިސާތުތައް ދިމާ ނުވުން ކަމަށެވެ. އެގޮތުން ސިފައިން އެދެތަނާ ހަވާލުވުމަށް ފަހު ބެލިބެލުންތަކުގައި ސިސްޓަމްގައި ހުރި މައްސަލަތަކެއްގެ ސަބަބުން ތަފާސްހިސާބުތަކުގައި ބޮޑެތި އޮޅުންތަކެއް އުޅޭކަން ފާހަގަކޮށްފައިވާ ކަމުގައި ޒުހެއިރު ވިދާޅުވި އެވެ.

އަދި ހިއުމަން ރިސޯސް އާއި އިމިގްރޭޝަން ޑިޕާޓްމަންޓުގައި އެމައްސަލަތައް ދިމާނުވާނެ ގޮތަށް ރަނގަޅު މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރުމަށް މެނޭޖްމަންޓް އޮޑިޓެއްކުރުމުގެ ހިޔާލު ދީފައިވަނީ ސިފައިން ކަމަށާއި އެ މަސައްކަތް ރައީސް އޮފީހުގެ ގަވަނަންސް ސެކްޝަނުން ކުރިއަށްގެންގޮސް، މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ވެސް ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.

އަދި މެނޭޖްމަންޓް އޮޑިޓުގެ ނަތީޖާތަކާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާކުރުމަށް ފަހު، ހިއުމަން ރިސޯސް އާއި އިމިގްރޭޝަނަށް އަންގަން ޖެހޭ އެންގުންތައް އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު މިދަންނަވާ މެނޭޖްމަންޓް އޮޑިޓް ގާތްގަނޑަކަށް ނިމިފައި އޮތީ. މިހަފްތާގައި ކެބިނެޓް ބައްދަލުވުން މި އޮންނަނީ ތިނަދޫގައި. އެހެންވީމަ ދެން އަންނަ ހަފްތާގެ ބައްދަލުވުމަށް މި މައްސަލަ ގެންދެވޭތޯ އަޅުގަނޑުމެން މިބަލަނީ،" ޒުހެއިރު ވިދާޅުވި އެވެ.

ޒުހެއިރު ވިދާޅުވި ގޮތުގައި، ބިދޭސީންގެ އާ ގަވައިދު އިސްލާހުކުރާ އިރު އެ އޮޑިޓްގެ ނަތީޖާތަކަށް ބަލާނެ އެވެ.

އަދި ވީހާވެސް އަވަހަކަށް އިމިގްރޭޝަން ގާނޫނާއި އަދި ކުރީގެ ބިދޭސީންގެ ގަވައިދާއި ހިއުމަން ރިސޯސް އިން ނެރުނު އާގަވައިދުގައި ހުރި ފުށުއެރުންތައް ފިލުވައި، އާގަވައިދަށް އަމަލުކުރަން ފެށޭތޯ ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ހިއުމަން ރިސޯސް މިނިސްޓަރު ހަސަން ލަތީފް ދާދިފަހުން ވިދާޅުވެފައި ވަނީ، އިމިގްރޭޝަނާއި ހިއުމަން ރިސޯސް މިނިސްޓްރީއާ ދެމެދު ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށް ކޮންމެވެސް މަތީ ފަރާތަކުން، ދެމުއައްސަސާގެ މަސްއޫލިއްޔަތުތައް ސާފު ކޮށް އެނގޭ ގޮތަށް ވަކިކުރަން ޖެހިފައިވާ ކަމަށާއި އެނޫން ގޮތަކަށް މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ.