ސުޕްރީމް ކޯޓަށާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވާ ސިޓީ ފަނޑިޔާރު އަބްދުﷲ އަރީފަށް އެޑްރެސް ކުރަން އަންގައި ސުޕްރީމް ކޯޓުން ސާކިއުލާއެއް ނެރެފި އެވެ.

ސުޕްރީމް ކޯޓާއި ޑީޖޭއޭއަށް ފޮނުވާ ލިޔުންތަކާއި ސިޓީތައް އެޑްރެސް ކުރަންވާނީ އުއްތަމަ ފަނޑިޔާރަށް ކަމަށް ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ނެރުނު ސާކިއުލާއެއްގައި ވަނީ ބުނެފައެވެ.

މިއަދު ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މަގާމުގެ މަސްއޫލިއްޔަތު ތަކުން ސަސްޕެންޑްކޮށް ވަޒީފާއަށް ނުނިކުތުމަށް އަންގާފައިވާތީ މިއަދު ފެށިގެން އެ ކޯޓަށާއި ޑީޖޭއޭއަށް ފޮނުވާ ސިޓީ އެޑްރެސްކުރަން ވަނީ ފަނޑިޔާރު އަބްދުﷲ އަރީފަށް ކަމަށެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އުއްތަމަ ފަނޑިޔާރު ކަމަށާއި އަދި އުއްތަމަ ފަނޑިޔާރަށް ހާޒިރު ނުވެވޭ ނަމަ ދެން ރިޔާސަތު ބަލަހައްޓާނީ ދެން ޖެހިގެން ހުންނަ ސީނިއާ ފަނޑިޔާރެއް ކަމަށް އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.