ރައުސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުން ދުރުކުރަން ގޮވާލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ފުލުސް އޮފީހާށް ހާޒިރުވުމަށް ހަތަރު ވަނަ ފަހަރަށް ޗިޓް ފޮނުވައިފިއެވެ.

މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވާފައި މިވަނީ މިދިޔަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. މުސްތަފާގެ މައްޗަށް ތުހުމަތުކުރަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމާއި ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމުގެ ތުހުމަތެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށް މުސްތަފާއަށް އަންގާފައިވަނީ މާދަމާ މެންދުރު 2:00 އިރަށެވެ.

މިފަހަރު މުސްތަފާއަށް ފޮނުވާފައިވާ ޗިޓުގައި ވަނީ މަގުބޫލު އުޒުރެއްނެތި ހާޒިރުނުވެވޭ ނަމަ ގަޑިޖެހުމުގެ ގަޑިއެއްގެ އިރު ކުރިން ސަބަބު ބަޔާންކޮށް ލިޔުމުން އަންގަން ވާނެކަމަށެވެ. އަދި މަގުބޫލް އުޒުރެއްނެތި ޗިޓަށް ހާރިޒުނުވެއްޖެ ނަމަ އެ މައްސަލަ ތަހްގީގުކުރުމަށްފަހު ދައުވާ ކުރާނެ ކަމަށް ވެސް ވަނީ އަންގާފައެވެ.